16 Jun 2016, 10:13
ފްރާންސަކީ ކޮންމެ ވަގުތެއްގައި ވެސް މޮޅުވުމުގެ ގާބިލުކަން ހުރި ޓީމެއް ކަމަށް ފަހު ވަގުތުގައި ލަނޑު ޖެހުމުގެ "ތަޖުރިބާކާރު" ޑިމިޓްރީ ޕަޔެޓް ބުނެފި އެވެ.
ޔޫރޯގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު "ގްރޫޕް އޭ"ގެ މެޗުގައި 2-0 ލަނޑުން ރޭ މޮޅުވެ، އަމިއްލަ ގައުމުގައި ކުޅެމުންދާ ފްރާންސުން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ރޭގެ މެޗުގެ 90 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ފްރާންސަށް ލީޑު ހޯދައިދިން އިރު، އެ ޓީމު ދެވަނަ ލަނޑު އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ ޕަޔެޓް އެވެ. ޔޫރޯގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ރުމޭނިއާ އަތުން އެއްވަރުވެފައި ވަނިކޮށް، ފަހު ވަގުތު ފްރާންސަށް ލީޑު ހޯދައިދިނީ ވެސް ޕަޔެޓް އެވެ.
"މިއީ އަހަރެމެންނަށް މިހާރު އާ ކަމެއް ނޫން. މާރިޗް މަހުން ފެށިގެން އަދި ހޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަހަރެމެން މޮޅުވެފައި ވާނީ ފަހު ވަގުތު. މުބާރާތް ފެށުނީއްސުރެ، އަހަރެމެންނަށް ފަހު ވަގުތު ލަނޑުތައް ކާމިޔާބު ކުރެވޭ. އަހަރެމެން ޖެހޭނީ ކެތްތެރިވާން. ފުރަތަމަ ހާފުގައި އަހަރެމެން މަސައްކަތްކުރީ މެދުތެރެއިން ކުޅެން. އަދި ދެވަނަ ހާފުގައި އަހަރެމެން ކުޅުނީ އަރިމަތިން. މެޗުގައި ތަފާތު ގެނެސްދިނީ ގެނައި ބަދަލުތަކުން،" ޕަޔެޓް ބުންޏެވެ.
އޭނާ ބުނީ، އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވަރަށް ގިނަ ބަޔަކު ފްރާންސަށް ފާޑު ކިޔަމުންދިޔަ ކަމަށާއި މެޗުން މޮޅުވެފައިވަނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށެވެ. އަދި ފްރާންސަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވުމުން އެކަމާ އުފާކުރާ ކަމަށް ވެސް ޕަޔެޓް ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ފްރާންސް ނުކުންނަން ޖެހޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00 ގައެވެ. އެ މެޗު އެއްވަރުކޮށްލިޔަސް ފްރާންސަށް "ގްރޫޕް އޭ"ގެ އެއްވަނަ ލިބޭނެ އެވެ.