ޔޫރޯގައި އަލަށް ވާދަކުރަމުންދާ އަލްބޭނިއާ ކޮޅަށް ފަހު ވަގުތު ޖެހި ދެ ލަނޑުން، އަމިއްލަ ގައުމުގައި ކުޅެމުންދާ ފްރާންސުން ގަދަ 16ގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މާސޭގެ ސްޓޭޑެ ވެލެޑްރޯމްގައި މިރޭ ކުޅުނު މެޗުގައި އަލްބޭނިއާ އަތުން ފްރާންސް ކުރި ހޯދީ 2-0 ލަނޑުންނެވެ.

ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑަށްފަހު، ގްރީޒްމަން އުފާފާޅުކުރަނީ: އަލްބޭނިއާ އަތުން ފްރާންސް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

އެ ނަތީޖާއާއެކު "ގްރޫޕް އޭ"ގެ އެއް ވަނައިގައި ފްރާންސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނާގައި އޮތް ރޫމޭނިއާ އަށް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި އަލްބޭނިއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގައި އެއް މެޗު ބާކީ އޮއްވާ މުބާރާތާ ފުރަތަމަ އަލްވަދާއު ކިޔާފައިވާ ޓީމަކީ އަލްބޭނިއާ އެވެ.

މެެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ފްރާންސުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ފްރާންސްގެ އޮލިވިއާ ޖިރޫ އަށެވެ. މެޗުގެ 37 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ހިލޭ ޖެހުމަކުން ޑިމިޓްރީ ޕަޔެޓް ނަގައިދިން ހުރަހަކުން ޖިރޫ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑަށްފަހު، ގްރީޒްމަން ޖެހި ލަނޑަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ: އަލްބޭނިއާ އަތުން ފްރާންސް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްބޭނިއާ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަލްބޭނިއާ އަށް ލިބުނު ހިލޭ ޖެހުމަކުން ލޭޑިއަން މެމޫޝާޖް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ފްރާންސަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖިރޫ ނަގައިދިން ހުރަހަކުން އަލްބޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކިންގްސްލީ ކޯމަން ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 53 ވަނަ މިނެޓުގައި އަލްބޭނިއާ އިން ލީޑު ހޯދުމާ ވަރަށް ގާތަށް ޖެހިލި އެވެ. އަލްބޭނިއާގެ އެރްމިއާ ލެންޖާނީ ނަގައިދިން ހުރަސް، ފްރާންސްގެ ބަކަރީ ސަންޔާ ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ރީބައުންސް ބޯޅައިން ލެންޖޭނީ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ޔޫރޯގައި އަލްބޭނިއާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އަލްބޭނިއާ އަތުން ފްރާންސް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ 57 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޕައުލް ޕޮގްބާ އަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕަޔެޓް ދިން ބޯޅައަކުން އަލްބޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޮގްބާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 65 އަދި 67 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފްރާންސަށް ލީޑު ހޯދައިދިނުމަށް ޖިރޫ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ކޯމަން ނަގައިދިން ހުރަހާއި ސަންޔާ ނަގައިދިން ހުރަހުން ޖިރޫ އުފެއްދި ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުުގެ 79 ވަނަ މިނެޓުގައި ފްރާންސަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕަޔެޓް ނަގައިދިން ހުރަހަކުން އަލްބޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ސަންޔާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ފްރާންސުން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. އަދީލް ރަމީ ނަގައިދިން ހުރަހަކުން ފްރާންސަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އެންޓޮއިން ގްރީޒްމަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަލްބޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ޔޫރޯގައި އަލްބޭނިއާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އަލްބޭނިއާ އަތުން ފްރާންސް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

ފްރާންސްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އަންދްރޭ ޕިއާ ގިގްނާކް ދިން ބޯޅައަކުން ފްރާންސަށް ލީޑު ފުޅާކޮށްދިނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖަހައިދިން ޕަޔެޓް އެވެ. އަލްބޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ޕަޔެޓް ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔޫރޯގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ އިރުއޮއްސި 6:00 ގައި ކުޅޭ "ގްރޫޕް ބީ"ގެ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި ވޭލްސް އެވެ. މާދަމާ ރޭ 9:00ގައި ކުޅޭ "ގްރޫޕް ސީ"ގެ މެޗުގައި ބައްދަލުކުރާނީ ޔޫކްރާނާއި ނޮދަން އަޔަލެންޑެވެ. އަދި މާދަމާ ރޭ 12:00ގައި ކުޅޭ "ގްރޫޕް ސީ"ގެ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ޕޮލެންޑެވެ.