16 Jun 2016, 10:38
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުރިހާ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލައްވަމުންދާ ކަމަށާއި، އެމަނިކުފާނުގެ މައިބަދައިގައި ރިއްސާ ކަމަށް ބުނެ ވެސް ހައްދަވަނީ ދޮގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ފެށުމާ އެކު އެމަނިކުފާނުގެ މައިބަދައިގައި ރިއްސަން ފެށި ކަމަށާއި، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެމަނިކުފާނުގެ މައިބަދައިގެ ވާހަކަ ނޫން ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.
"މުޅި ގައުމު، ދިވެހިރާއްޖޭގައި ނުހުންނާނެ މުހައްމަދު ނަޝީދުގެ މައިބަދަ ނުދަންނަ އެކަކުވެސް. ކުޑަކުއްޖެއް ބޮޑުމީހެއް ވެސް. މިދިޔަ ދޮޅު އަހަރެއްގައި އެ މައިބަދައިގައި ރިއްސާތީ، ޖަލަށް ލީއްސުރެ. މިތަނުގެ ޑޮކްޓަރުން ރިޕޯޓުތަކަށް ދަންދެން ވެސް ގެންގުޅުނު،" ނިހާން ވިދާޅުވި އެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ދިއުމުގެ ހުއްދަ މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ސަރުކާރުން ދިނީ، އެމަނިކުފާނުގެ މައިބަދަ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީ އެވެ.
ނަމަވެސް މިދިޔަ ހަފްތާގައި ރައީސް ނަޝީދު، އިނގިރޭސި ވިލާތުގައި އޮތް ހޭ ފެސްޓިވަލްގައި ވަނީ ގޮނޑި ދުއްވާ ރޭހެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައިވާ އިރު، ދުނިޔޭގެ ބޮޑެތި ނޫސްތަކުން މިކަން ރިޕޯޓު ވެސް ކުރި އެވެ.
"އިހަކަށް ދުވަހު ނޫންތޯ އަޅުގަނޑުމެންނަށް ފެނުނީ ގޮނޑި ރޭހެއްގައި ބައިވެރިވެގެން އުޅުނުތަން. ގޮނޑީގައި މީހަކު ދަމާ ހަދައި. މިއީ މައިބަދައިގެ ބަލިކަން ހުރި މީހަކަށް ކުރެވޭނެ ކަމެއްތޯ؟ މިއީ ބޮޑެތި ދޮގު، ރައްޔިތުންނަށް އޮޅުވާލަނީ ނޫންތޯ؟" ނިހާން ދިޓީވީގައި ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް މިހާރު ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެޑިކަލް ޕްރޮސީޖާއެއް، އޭޕްރިލް 19 ވަނަ ދުވަހު ވަނީ އެމަނިކުފާނު ހޭނައްތަވައިގެން ހަދާފައެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އެމަނިކުފާނުގެ އޮފީހުން އަދި ގާނޫނީ ޓީމުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ނިހާން ވިދާޅުވީ، މި ނޫންވެސް ކަންކަމުގައި ރައީސް ނަޝީދު ރައްޔިތުންނަށް އޮޅުވާލައްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތިމާވެއްޓަށް ޚިދުމަތްތަކެއް ކުރެއްވި ކަމަށް "ހެދިގެން" ރައީސް ނަޝީދު މަކަރު ހެއްދެވި ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.
"ދެން ހެދި މަކަރަކީ ރާއްޖޭގެ އެންވަޔަރަންމެންޓަށް ޚިދުމަތް ކުރާކަމަށް ހެދިގެން ހެދި މަކަރު. ކަނޑު އަޑިއަށް ކެބިނެޓު ގެންގޮސްގެން ދުނިޔޭގެ ފެންވަރުގެ ޑްރާމާއެއް ކުޅެގެން. ދިވެހި ރާއްޖޭގެ ތިމާވެއްޓަށް އެއްކަމެއް ވެސް ކުރި މީހެއް ނޫން އެއީ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، "ދަގަނޑު ދަހަނާ" ފޮތް ފިޔަވާ، ރައީސް ނަޝީދު ރާއްޖޭގެ ލިޔުންތެރިކަމަށް ކޮށްދެއްވި އިތުރު ޚިދުމަތެއް ވެސް ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ދެން ކުރައްވާފައިވާ މަސައްކަތަކީ "ސަންގު" ނޫހުގައި ސަރުކާރާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެދޭ ލިޔުންތައް ލިޔުން ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.
"އިތުރު ކަމެއް ރާއްޖޭގެ ލިޓަރޭޗާއަށް، ލިޔުންތެރިކަމަށް، މައުލޫމާތު ފެތުރުމުގެ ވިއުގައަކަށް މުހައްމަދު ނަޝީދު ގެނެސްދީފައެއް ނުވާނެ. އަދި އެއަކުން ދިވެހި ރައްޔިތުންނަށް ކުރި ރާހަތެއް، ފައިދާއެއް ވެސް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.