16 Jun 2016, 01:27
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޒުވާން ކުޅުންތެރިންތަކަކާއެކު ކުޅެމުންދިޔަ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން ކްލަބު ވެލެންސިއާ ޕޮއިންޓެއް ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ނަތީޖާއާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ނިއު އަދި ވެލެންސިއާ އަށް ވެސް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އޮތްއިރު، ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅުގައި ނިއު އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަހްމަދު ސުހައިލް (ބަންޕުޗް) ފޮނުވާލި ހަމަލާ، ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ނިއު އިން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. އިއްޒަތު އަބްދުލް ބާރީ ދިން ރީތި ބޯޅައަކުން ނިއު އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސުހައިލް އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ބޯޅަ ހޯދުމަށް ކީޕަރު ފައިސަލް ކުރިއަށް ނުކުތުމާއެކު ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ވެލެންސިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު އާރިފް (ބަކާ) ފޮނުވާލި ހަމަލާ، ކީޕަރު ސުލޭމާނާ އަބޫ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްލުމަށް ވެލެންސިއާ އަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ހަސަން އަދުހަމް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 77 ވަނަ މިނެޓުގައި ނިއު އަށް ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބި، ބޭކާރުވެގެންދިޔަ އެވެ. ނިއު އަށް ލިބުނު ހިލޭ ޖެހުމަކުން ފާރޫގު އިސްމާއިލް ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އަބްދުﷲ ހަނީފް (ބެންޖޯ) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އޭގެ މިނެޓެއް ފަހުން ވެލެންސިއާ އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން މުހައްމަދު ފުހައިދު އުފެއްދި ހަމަލާ، ނިއުގެ ކީޕަރު އަބޫ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުހައިދު ދިން ރީތި ބޯޅައަކުން ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަދުހަމެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އާދީއްތަ ދުވަހުގެ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އެވެ.