ހުޅުމާލޭގައި ދީނީ އަދި އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔަތުން ހިޖްރާއިން ކޮންމެ އަހަރަކު ވެސް ހުޅުމާލޭގައި ދީނީ މައުލޫމާތު ދިނުމަށް ހިންގާ "ސެޓް ޔޯ ގޯލް" ރޯޑްޝޯ މި އަހަރުވެސް ބާއްވަމުން އެބަ ދެ އެވެ.

ސެޓް ޔޯ ގޯލްއަކީ، ރަމަޟާން މަހަށް ޚާއްސަކޮށްގެން ހިޖްރާ ޖަމިއްޔާއިން ދީނީ މައުލޫމާތު ދިނުމަށް ހިންގާ ރޯޑް އިވެންޓެކެވެ. މި ހަރަކާތް ކުރިއަށް ދަނީ، ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު، ހުޅުމާލޭގެ ކޮންމެވެސް އެއް ސަރަހައްދެއްގަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހިޖްރާ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، ޖޫން މަހުގެ 17 ވާ ހޮނިހިރު ދުވަހު ވެސް، "ސެޓް ޔޯ ގޯލް" ރޯޑް އިވެންޓު ހުޅުމާލޭގައި ކުރިޔަށް ދާނެ ކަމަށެވެ. އެގޮތުން، އެ ހަރަކާތް ކުރިޔަށް ދާނީ ހުޅުމާލޭ ނޭބާހުޑް ދޭއްގެ ވަގުތީ މިސްކިތް ކައިރީގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަލް ހިޖްރާ ޖަމިއްޔާއިން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ "ސެޓް ޔޯ ގޯލް" ރޯޑު އިވެންޓު -- ފޮޓޯ/ އަލް ހިޖްރާ

ޖަމިއްޔާގެ އޮފިޝަލް ވިދާޅުވީ، މި ހަރަކާތުގައި ރާއްޖޭގެ ދެ ދީނީ އިލްމުވެރިއަކު ކަމުގައިވާ ޝައިޚް އިލްޔާސް ޖަމާލް އަދި ޝައިޚް ހުސައިން އަބްދުﷲ ސައީދު ދީނީ މައުލޫމާތު ދެއްވާނެ ކަމަށެވެ. އެބޭފުޅުން މައިގަނޑު ގޮތެއްގައި މައުލޫމާތު ދެއްވާނީ، އެ ހަރަކާތް ހިނގާ ސަރަހައްދަށް ދާ ރައްޔިތުންގެ ހިތުގައި ދީނީ ގޮތުން އުފެދޭ އޮޅުންތަކާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން، ޤުރުއާނުގެ އިލްމުގެ އުސްތާޒެއް ކަމުގައިވާ ގާރީ އަހްމަދު މުޖުތަބާ މި ހަރަކާތުގައި ޤުރުއާން ކިޔެވުމުގެ އިލްމާ ބެހޭ މައުލޫމާތު ވެސް ދެއްވާނެ ކަމަށް ހިޖްރާ ޖަމިއްޔާއިން މައުލޫމާތު ދެ އެވެ.

އަލް ހިޖްރާ ޖަމިއްޔާއިން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ "ސެޓް ޔޯ ގޯލް" ރޯޑު އިވެންޓު -- ފޮޓޯ/ އަލް ހިޖްރާ

މި ހަރަކާތްތަކުގެ އިތުރުން، ދީނީ މައުލޫމާތު ހިމެނޭ ލީފްލެޓާއި ފޮތްތައް ބެހުމުގެ ހަރަކާތްތަކެއް އެތަނުގައި ކުރިއަށް ދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އަދި އެ ހަރަކާތުގައި ބައިވެރިވާން އަންނަ ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި މުސްހަފާއި ކަދުރު ފަދަ ތަކެތި ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ހިންގޭ އެންމެ ފުރަތަމަ ދީނީ ހަރަކާތެވެ. މިއީ "ސެޓް ޔޯ ގޯލް" ރޯޑްޝޯ ބާއްވާ ތިން ވަނަ އަހަރެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވެސް އަލް ހިޖްރާ ޖަމިއްޔާއިން މި ހަރަކާތް ހުޅުމާލޭގައި ބާއްވާފައި ވެ އެވެ. އެޖަމިއްޔާއިން ބުނާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ ހަރަކާތަށް ގިނަ ބަޔަކު ޒިޔާރަތް ކުރި އެވެ.