ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑް އާއި ރޮމޭނިއާ ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމެއްޖެ އެވެ.

އެ ނަތީޖާއާ އެކު ސްވިޒަލެންޑް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގެން ގުރޫޕް އޭގެ އެއް ވަނާގައި އޮތް އިރު ދެވަނާގައި އޮތް ފްރާންސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އޮތީ ދެ ވަނާގަ އެވެ. ރޮމޭނިއާ އެއް ޕޮއިންޓާ އެކު ތިން ވަނާގައި އޮތް އިރު ކުޅުނު ފުރަތަމަ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބެ އަލްބޭނިއާ އޮތީ ތާވަލުގެ ފުލުގަ އެވެ.

މެޗު ފެށިގެން ސްވިޒަލޭންޑުން ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ މެޗުގެ 18 ވަނަ މިނެޓްގައި ރޮމޭނިއާ އިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގުމެވެ.

ރޮމޭނިއާ އަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮގްޑަން ސްޓެންސް އެވެ. ރޮމޭނިއާ އަށް ޕެނަލްޓީ ލިބުނީ ސްވިޒަލެންޑްގެ ޕެންލްޓީ އޭރިއާ ތެރެއިން އެ ޓީމްގެ ކުޅުންތެރިއަކު ރޮމޭނިއާގެ ކުޅުންތެރިއެއްގެ ޖާޒީގައި ހިފައި ވައްޓާލުމުންނެވެ.

ރޮމޭނިއާގެ ގޯލަށް ފަހުގައި ވެސް ސްވިޒަލޭންޑްއިން ރަނގަޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ އޮވިޑުއު ހޮބަން އަށް ވަނީ ނަތީޖާ އެއްވަރު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ރޮމޭނިއާ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒް ނުވެ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ވެސް ސްވިޒަލެނެޑްގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 57 ވަނަ މިނެޓްގައި އެ ޓީމުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. ސްވިޒަލެންޑަށް ލިބުނު ކޯނަރެއް ރޮމޭނިއާގެ ގޯލު ކުރުމައްޗަށް ހުރަސްކޮށްލުމުން އެ ޓީމުގެ ކުޅުންތެރިއަކު ބޮލުން ޖައްސާލި ބޯޅަ ހުސްކޮށް ހުރި އެޑްމިއާ މެހްމިޑީ އަށް ލިބުމުން އޭނާ ވަނީ ހަމަ ޖެހިލާފަ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން ސްވިޒަލެންޑަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ސްވިޒަލެންޑްގެ ގޯލަށް ފަހު ވެސް އެޓީމުން މުޅި މެޗު ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކެރެވޭ ގޮތްނުވެ މެޗު ވަނީ ނިމިފަ އެވެ.