15 Jun 2016, 23:02
ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލަސްތަކެއް ނުވެ ހަވާލު ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.
ނިހާން މިހެން ގޮވަލައްވާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު، ޕްރައިމަރީއަކާ ނުލައި ދިނުމަށް ގޮވާލާ ޕެޓިޝަނެއްގައި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުށަހަޅާ ޚަބަރެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް، ޕްރައިމަރީއަކާ ނުލައި އެކަން ކުރުމަށް ރައީސް މައުމޫން ބޭނުންފުޅު ނުވާކަން ދޭހަވާ އެސްއެމްއެސްއެއް އެމަނިކުފާނު ޕާޓީގެ ބައެއް މެމްބަރުންނަށް ފޮނުއްވާފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ އިރު، އެފަދަ މެސެޖެއް ފެންނަ ސްކްރީންޝޮޓްތަކެއް ވެސް ދަނީ ފެތުރެމުންނެވެ.
މިރޭ ދިޓީވީ އިން ފޮނުވި "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބަޔާންކުރާ އިޖުރާއަތެއް ވާ ނަމަ އެކަމެއް ފުރިހަމަ ކުރުމަށް ފަހު ނަމަވެސް، ވީހާވެސް އަވަހަކަށް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ޖެހޭ ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިންތިހާބު ކުރާނީ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް އެ ގަވައިދުގައި ބުނާ ގޮތުގައި ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެ، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ ފަރާތަކުން ދެވަނަ ދައުރަކަށް ވާދަކުރަން ބޭނުން ނަމަ، ޕްރައިމަރީއަކާ ނުލާ ޓިކެޓު ދެވިދާނެ އެވެ. އެ ފަރާތަކާ ވާދަކޮށް، ޓިކެޓު ހޯދަން އިތުރު ފަރާތަކުން އެދޭ ނަމަ، ޕްރައިމަރީއެއް ބާއްވަން ޕާޓީގެ މެމްބަރުންނަށް ފެނޭތޯ ބެލުމަށް ކޮންގްރެސްއެއް ބާއްވަން ޖެހެ އެވެ.
"އެފަދަ ޕެޓިޝަނެއް އުޅޭކަމަށް ވަންޏާ އެ ޕެޓިޝަން މިހާރުން މިހާރަށް ނިންމަވައި، ޕާޓީގެ ރައީސް ވަރަށް އަވަހަށް އެބަ ޖެހޭ އަސާސީ ގަވައިދުގައި ބަޔާންކުރާ ފޯމަލިޓީޒް ފުރުމަށް ފަހު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދޭން ޖެހޭ ލިޔުމެއް ނުވަތަ ސެޓްފިކެޓެއް، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލަސްތަކެއް ނުކޮށް ހަވާލުކުރަން،" ނިހާން ދިޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، ރައީސް ޔާމީން 2018ގެ ރަސްމީ ކެމްޕޭން ފައްޓަވާނީ އިލެކްޝަންސް ކޮމިޝަނުން އެ އިންތިޚާބު އިއުލާން ކުރުމުން ކަމަށާއި ނަމަވެސް މިހާރު ވެސް އެމަނިކުފާނުގެ ކެމްޕޭންގެ ކަންކަން ރަސްމީކޮށް ލޯންޗުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން، ރައީސް ޔާމީނުގެ އަނބިކަނބަލުން ފާތިމަތި އިބްރާހިމް ދީދީއާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބުރަ މަސައްކަތްތަކެއް އެކަމުގައި ކުރަމުންދާ ކަމަށް ނިހާން ވިދާޅުވި އެވެ.
"އެކަމަނާ ވަރަށް ބުރަކޮށް މި މަސައްކަތް ވަރަށް ސީދާ ސާދާ ގޮތެއްގައި ކުރައްވަމުން އެބަ ގެންދަވާ. ޕާޓީގެ ޕީޖީއިން އަޅުގަނޑުމެން އިސްވެ ތިބެ ވާނެ މި މަސައްކަތް އަތޮޅު ތެރޭގައި ރަސްމީކޮށް ލޯންޗު ކޮށްފައި. ރާއްޖޭގައި އެކަންޏެއް ނޫން، ކޮޅުނބުގައި ތިބޭ އަޅުގަނޑުމެންގެ ސަޕޯޓަރުން ވެސް މިހާރު މި މަސައްކަތް ފަށައިފި،"
ނިހާން ވިދާޅުވީ އޭގެ މާނައަކީ މިހާރުން ފެށިގެން ޕީޕީއެމްގެ ފަރާތުން ވެސް މި މަސައްކަތް ރަސްމީކޮށް ފަށަން ޖެހޭ ކަމަށާއި ޕާޓީގެ ކައުންސިލުން "މަޑުކޮށްގެން" ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަދި ރައީސް ޔާމީނަށް މިހާރުން މިހާރަށް ރިޔާސީ ޓިކެޓު ދިނުމާ ދެކޮޅު އެއްވެސް މެމްބަރަކު ޕީޕީއެމްގެ އެއްވެސް ހިސާބެއްގައި ނޫޅޭނެކަން ޔަގީންކަމާ އެކު ދަންނަވަން ކެރޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.