ލ. ލިންކު ރޯޑުގައި ފުލުހުންގެ އެންގުމާ ޚިލާފަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިރޭ ވިދާޅުވީ މިއަދު ހަވީރު 5:25 ހާ އިރު ލާމު ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެއީ ލ. މާންދޫއިން ލ. ކައްދޫއަށް ދިއުމަށް އޮންނަ މަގުގަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލަކީ، ލ. މާންދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުގެ ސަބަބުން މާންދޫގައި ފުލުހުން ޖަހާފައިވާ ޗެކްޕޮއިންޓަކުން ހުއްޓުވައި، ދުވެލި މަޑުކޮށް ދުއްވުމަށް އެންގުމަށްފަހު ދޫކޮށްލި ސައިކަލެއް ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ވެފައިވާ އިރު، އެ ތިން މީހުންނަށް ވެސް މިހާރު ދަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. ނަމަވެސް އެ ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.