15 Jun 2016, 21:24
ޖަނަވަރީމަގު، ސަންގު ޓީވީ ކައިރިން ގަޔަށް ވަޅި ހަރައި ޒަހަމުކޮށްލި މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިރޭ "ސަން" އަށް ވިދާޅުވީ، އެ ޒުވާނާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި އޭނާގެ ހާލު އިއްޔެއަށް ވުރެ ރަނގަޅު ކަމަށެވެ.
އިއްޔެ ހަވީރު ހަތަރެއް ޖަހާ އެހާކަށްހާއިރު ޖަނަވަރީ މަގު، ސަންގު ޓީވީގެ އިދާރާ ކައިރިން ހިނގި މާރާމާރީއެއްގައި ވަޅިން ދިން ހަމަލާއެއްގައި ޒަޚަމްވީ 19 އަހަރުގެ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި ވަޅި ހަރާފައި ވަނީ އޭނާގެ ބޮލާއި ބަނޑަށެވެ.
އެ ޒުވާނާ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފައިވެ އެވެ.
ފުލުހުންގެ ތަހުގީގު ޓީމަކާއި ސީން އޮފް ކްރައިމް އޮފިސަރުން ވަނީ އެ ހާދިސާ ހިނގި ސަރައްހަދަށް ގޮސް ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފަ އެވެ.