15 Jun 2016, 19:39
އެލައިޑް އިންޝޫރަންސްއިން އޮޑިދޯނި ފަހަރަށް ޚާއްސަކޮށްގެން ފޯރުކޮށްދޭ ހަލް އިންޝޫރަންސްއާ މެދު މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން އެކުންފުނިން ކުރިޔަށް ގެންދިޔަ "އެލައިޑް ހަލް ޕްރޮމޯޝަން"ގެ ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި އެވެ.
ފެބްރުއަރީ ހަތްވަނަ ދުވަހުން އޭޕްރިލް 30 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެލައިޑް ހަލް ޕްރޮމޯޝަނުގައި ބައިވެރިކޮށްފައި ވަނީ، އެ މުއްދަތުގެ ތެރޭގައި އެލައިޑް ހަލް އިންޝޫރަންސް ނަގައި، ނުވަތަ ކުރިން ނަގާފައިވާ ހަލް އިންޝޫރަންސް އާ ކުރެއްވި ފަރާތްތަކަށެވެ.
އެގޮތުން، އެ މުއްދަތުގެ ތެރޭގައި ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިފައި ވަނީ "އައިރިސް" ނަމަކަށް ކިޔާ އުޅަނދެއް އިންޝުއާ ކުރި އަހްމަދު ރަޝީދު ހަސަނެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބުނީ ހަސަން މެރިންގެ 4 ސްޓްރޯކް 30 ހޯސްޕަވާ މާކިއުރީ އައުޓްބޯޑު އިންޖީނެކެވެ. އޭނާއާ އިނާމު ހަވާލު ކުރުން އޮތީ، މިއަދު މެންދުރުފަހު ޓީވީއެމްއިން ފޮނުވި "މިވަގުތު" ޕްރޮގްރާމުގަ އެވެ.
ހަލް އިންޝޫރަންސް އަކީ ކަނޑުމަތީގައި އުޅަނދަށް ދިމާވާ ނުރައްކާތަކުން، އޮޑިވެރިޔާއަށް ކުރިމަތިވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށްދޭ އިންޝޫރަންސް ޕްލޭނެކެވެ. މި ޕްލޭނުގެ އެހީގައި، އުޅަނދާއި އޭގެ އާލާތްތަކާއި ފަޅުވެރިންގެ އިތުރުން ފަސިންޖަރުންނަށް ވެސް ކަނޑުމަތީގައި ދިމާވެދާނެ ކާރިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ އެވެ.
އޭގެ ތެރޭގައި ގުދުރަތީ ކާރިސާތަކާއި އެކްސިޑެންޓުތަކުގެ އިތުރުން އުޅަނދަށް މުދާ އަރުވައި ބޭލުމުގައި ދިމާވާ ކަންކަމުގެ ބަދަލު ހިމެނެ އެވެ.