15 Jun 2016, 19:36
މިދިޔަ އަހަރުގެ ތެރޭގައި ބިދޭސީ އަންހެނުންތަކަކާއި ދިވެހި ފިރިހެނުންތަކެއް ބަރަހަނާވެގެން ރާއްޖޭގައި ބޮޑީ ޕެއިންޓު ކުރި މައްސަލައާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކޮށްފައި ވަނީ އެމީހާގެ ފޮޓޯއެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ފޮޓޯއަކީ ބޮޑީ ޕެއިންޓުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ނަގާފައިވާ ސުކްރީން ޝޮޓެއް ކަމަށެވެ.
ފުލުހުން ބުނީ ފޮޓޯއިން ފެންނަ އެމީހާ އަކީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ވެސް ކާކުކަން ދެނެގަނެވިފައިނުވާ މީހެއް ކަމަށެވެ.
ފުލުހުން ވަނީ އެ މީހާއަށް އެ އިދާރާ އަށް ހާޒިރުވުމަށް މީޑިއާ މެދުވެރިކޮށް މިއަދު އަންގާފަ އެވެ.
އޭނާ އަކީ ކާކުކަން އެނގޭ ފަރާތެއް ވާނަމަ ނުވަތަ އޭނާއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނާއި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އޮސްޓްރިއާގެ ކުންފުންޏަކުން ހަތަރު މޮޑެލްއަކު ބޭނުންކޮށްގެން ބަރަހާނާވެ ބޮޑީ ޕެއިންޓުކުރާ މަންޒަރުގެ ވީޑިއޯތައް ނަގާފައިވަނީ މާލޭގައި ހުންނަ ގައުމީ އާޓް ގެލެރީގައާއި ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.
އޮސްޓްރިއާގެ ކުންފުނިން މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ އެ ވީޑިއޯތަކަކީ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފުގެ ދައުވަތަކަށް ރާއްޖެ އައިސް ނަގާފައިވާ ވީޑިއޯތަކެއް ކަމަށެވެ.
ބޮޑީ ޕެއިންޓު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ ހަރަކާތްތައް ބަލަން އާސިފް ހުންނަ މަންޒަރާއި އެކަމުގައި އަމަލީގޮތުން އޭނާ ބައިވެރިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.
މިދިޔަ އަހަރު އެ ވީޑިއޯ އާންމުވުމާ އެކު އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.