އުތުރުކޮރެޔާއަކީ ފުރިހަމަ ނިއުކްލިއާ ބާރެއް ކަމަށާއި އެގައުމުގައި ނިއުކްލިޔަރ ސްޓޮކްގައި މަދުވެގެން 21 ނިއުކްލިއާ ބޮން އޮންނާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ދިރާސާ މަރުކަޒަކުން ބުނެފި އެވެ.

ބައިނަލްއަގްވާމީ އަމަނާއި ސަލާމަތާބެހޭ ދިރާތައް ކުރާ އެމެރިކާގެ އިންސްޓިޓިއުޓެއް ކަމަށްވާ "އިންސްޓިޓިއުޓް ފޯ ސައެންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ"ން ހޯދާފައިވާ މައުލޫމާތާއި ކޮށްފައިވާ ދިރާސާތަކުގެ އަލީގައި އެއިންސްޓިޓިއުޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި 18 މަސްތެރޭގައި އުތުރުކޮރެޔާއިން ހަ ނިއުކްލިއާ ބޮން ހަދާފައިވާ ކަމަށާއި އޭގެކުރިން އެ ގައުމުގެ ސްޓޮކްގައި 15 ނިއުކްލިއާ ބޮން އޮތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގަ އެވެ.

އުތުރު ކޮރެޔާއިން އެންމެ ފުރަތަމަ ނިއުކްލިއާ ބޮމެއް ތަޖްރިބާކުރިކަން އިޢްލާންކޮށްފައި ވަނީ 2006 ވަނަ އަހަރުގައެވެ. އެ އަހަރު އެންމެ ފުރަތަމަ އުތުރުކޮރެޔާއިން ނިއުކްލިއާ ތަޖްރިބާއެއް ކުރިއިރުވެސް އެގައުމުން މަދުވެގެން ތިން ނިއުކްލިއާ ބޮން އުފައްދާފައިވާ ކަމަށް އެ އިންސްޓިޓިއުޓުން ލަފާކުރެ އެވެ. އެއަށްފަހު އުތުރުކޮރެޔާ ވަނީ މިސައިލްތަކުގެ ބޮލުގައި ވޯހެޑްގެ ގޮތުގައި ހަރުކުރެވޭ ގޮތަށް ނިއުކްލިއާ ކުދި ބޮން ހެދުމުގައި ވެސް ކާމިޔާބީ ހޯދާފަ އެވެ.

އުތުރުކޮރެޔާގެ ނިއުކްލިޔަރ ސައެންސާބެހޭ މަރުކަޒެއް

އުތުރު ކޮރެޔާއިން ނިއުކްލިއާ ބޮން އުފައްދާފައިވާ މިންވަރު އަންދާޒާކޮށް ބެލުމުގައި އެއިންސްޓިޓިއުޓުން ބޭނުން ކުރި މައުލޫމާތުގެ ތެރޭގައި އުތުރުކޮރެޔާއިން އުފައްދާ ޕްލޮޓޯނިޔަމް އާއި ނިއުކްލިއާ ޗެއިން ރިއެކްޝަން ގެނެވޭ ފެންވަރަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ ސްޓޮކްއާ ބެހޭ މައުލޫމާތު ހިމެނެއެވެ. މި މައުލޫމާތުތައް ހޯދި ގޮތެއް "އިންސްޓިޓިއުޓް ފޯރ ސައެންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ" ން ހާމަކޮށްފައެއް ނުވެއެވެ.

އުތުރުކޮރެޔާއަކީ އެހެން ގައުމަކަށް ބަރޯސާނުވެ އަމިއްލައަށް ނިއުކްލިޔަރ ސައެންސް ތަރައްގީކޮށް އޭގެ ރީސާޗްތައް ހަދައިގެން ނިއުކްލިޔަރ ބޮން އުފެއްދި ގައުމެއްކަމަށާ ނިއުކްލިޔަރ ސައެންސާއި ނިއުކްލިޔަރ ޓެކްނޮލޮޖީގެ ދާއިރާގައި އުތުރުކޮރެޔާ ވަރުގަދަ ބިންގާތަކެއް އަޅައި ނިއުކްލިޔަރ ހަތިޔާރުގެ ވަރުގަދަ އިންޑަސްޓްރީ އެއް ބިނާކޮށްފައިވާ ކަމަށްވެސް ވޮޝިންޓަންގައި މަރުކަޒު ހުންނަ މިއިންސްޓިޓިއުޓްގެ ދިރާސާ ރިޕޯޓް ބުނެއެވެ.

އުތުރުކޮރެޔާ ވަނީ ފަސްފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައެވެ. އަދި އެގައުމުވަނީ ކަނޑުއަޑީގައި ދަތުރުކުރާ ސަބްމެރިން ތަކުން އުދުއްސާލާ މިސައިލްތަކުގައި ނިއުކްލިޔަރ ވޯހެޑް ހަރުކުރުމުގެ ޓެކްނޮލޮޖީ ވެސް ދާދިފަހުން ހޯދާފަ އެވެ.

މީގެއިތުރުން މިއަހަރުގެ ޖަނަވަރީމަހު އުތުރުކޮރެޔާއިން ވަނީ ހައިޑްރިޖަން ބޮމެއްވެސް ބިމުގެ އަޑީގައި ތަޖްރިބާކޮށްފަ އެވެ. މިއީ ބާރުމިނަށް ބަލާއިރު އެއްހާސް ނިއުކްލިޔަރ ބޮމަށްވުރެ ވެސް ބާރުގަދަ ބޮމެކެވެ. ނަމަވެސް މިއީ ނިއުކްލިޔަރ ރޭޑިއޭޝަން ނުނުކުންނަ ބާވަތުގެ ބޮމެކެވެ. ހައިޑްރިޖަން ބޮމަކީ އެއްހާސް ނިއުކްލިޔާ ބޮމަށްވުރެ ބާރުގަދަ ގޮވުމެއްގައި ގޮވާބޮމަކަށް ވާއިރު މިއީވެސް ނިއުކްލިޔާ ބޮމުގެ ވައްތަރެކެވެ. ނަމަވެސް ނިއުކްލިޔަރ ބޮން ގޮއްވާލުމުގެ ސަބަބުން ނުކުންނަ އިންސާނުންގެ ފުރާނައާއި ދިރުން ހުރި ޓިޝޫތަކަށް ދިގުމުއްދަތަކަށް ގެއްލުންލިބޭ ރޭޑިއޭޝަންތައް ހައިޑްރިޖަން ބޮމަކުން ނުނުކުންނާނެ އެވެ.

އުތުރުކޮރެޔާގެ ނިއުކްލިޔަރ މިސައިލެއް

މިދެބޮމުގެ ފަތާތަކީ ނިއުކްލިޔަރ ފިޝަންއާއި ނިއުކްލިޔަރ ފިއުޝަންގެ ތަފާތެވެ. ނިއުކްލިޔަރ ބޮން ގޮއްވާލުމުން ހިނގާ ނިއުކްލިޔަރ ރިއެކްޝަންތަކަކީ ނިއުކްލިޔަރ ފިޝަންގެ ރިއެކްޝަންތަކެކެވެ. މިރިއެކްޝަންތަކާއެކު ޔޫރޭނިޔަމްގެ އެޓޮމްތަކުން ނުކުންނާނީ އަލްފާ، ބީޓާ އަދި ގެމާ ފަދަ އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެހިފަދަ ދިރުންވާ ކޮންމެ އެއްޗެއްގެ ވެސް ޓިޝޫތައް މުޅިން ހަލާކުކޮށްލާ އަދި އެތަށް ހާސްއަހަރެއްގެ މުއްދަތަށް ދިގުދެމިގެންދާފަދަ ނުރައްކާތެރި ވަރުގަދަ ރޭޑިއޭޝަންތަކެކެވެ. މިއާޚިލާފަށް ހައިޑްރިޖަން ބޮން ގޮއްވާލުމުން ހިނގާ ރިއެކްޝަންތަކަކީ ނިއުކްލިޔާ ފިއުޝަން ރިއެކްޝަންތަކެވެ. މިއިން އަލްފާ، ބީޓާ އަދި ގެމާ ފަދަ ރޭޑިއޭޝަންތަކެއް ނުނުކުންނާނެ އެވެ. އެއީ ހައިޑްރިޖަން ބޮމުގައި ބޭނުންކުރަނީ ހައިޑްރިޖަންގެ ދެ އައިސޮޓޮޕްސް ކަމަށްވާ ޓްރިޓިޔަމްއާއި ޑިއުޓެރިޔަމް ކަމަށްވާތީ އެވެ.

ހައިޑްރިޖަން ބޮން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި އުތުރުކޮރެޔާ ހިމެނޭކަމަށްވެސް "އިންސްޓިޓިއުޓް ފޯރ ސައެންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ" ގެ ރިޕޯޓް ބުނެއެވެ. ނިއުކްލިޔަރ ގާބިލްކަން ލިބިފައިވާ އިންޑިޔާއާއި ޕާކިސްތާނުންވެސް އަދި ހައިޑްރިޖަންބޮން އުފައްދާފައެއް ނުވެއެވެ. ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި ހައިޑްރިޖަން ބޮން އުފެއްދި ދާނެ ގައުމުތަކުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނާއި އާޖެންޓީނާއާއި ބްރަޒީލް އާއި އިސްރާއިލާއި ދެކުނު އެފްރިކާގެ އިތުރުން އީރާން ހިމެނޭކަމަށް "އިންސްޓިޓިއުޓް ފޯރ ސައެންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ" ގެ މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)