އަނޫރާގް ކަޝްޔަޕް އަދި އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް އުފައްދާފައިވާ ފިލްމު "އުޅްތާ ޕަންޖާބު" ގެ ބޮޑު ބައެއް އިންޓަނެޓުގައި ލީކު ކޮށްލައިފި އެވެ.

އެ ފިލްމު ލީކު ކޮށްލާފައި މިވަނީ، ސެންސަރު ބޯޑުގައި ތާށިވެފައި އޮތުމަށްފަހު މި މަހުގެ 17 ވަނަ ދުވަހު ފިލްމު އެޅުވޭނެ ކަމުގެ ޔަގީންކަން ލިބުނުތާ ދެ ދުވަސް ތެރޭގައެވެ.

ލީކު ކޮށްލާފައިވާ "އުޅްތާ ޕަންޖާބު"ގެ މަންޒަރެއް ---

ހަބަރުތައް ބުނާގޮތުން އެ ފިލްމު ލީކު ކޮށްލާފައި ވަނީ، ފިލްމު ރިލީޒް ކުރުމަށް ދެކޮޅު ހަދަމުން އަންނަ ފަރާތްތަކުންނެވެ. ފިލްމުގެ 40 މިނެޓު ވަނީ އިންޓަނެޓުގައި ލީކު ކޮށްލާފައެވެ. ބައެއް ހަބަރުތައް ބުނާ ގޮތުން، ބައެއް ވެބްސައިޓުތަކުގައި އެ ފިލްމު އެއްކޮށް ވަނީ ލީކު ކޮށްލައިފައެވެ.

ލީކު ކޮށްލާފައި ވަނީ ސެންސަރު ބޯޑަށް ހުށަހެޅި ފިލްމު ކަމަށް ބެލެވެ އެވެ. އެއީ ލީކު ކޮށްލާފައިވާ ކޮޕީ ތަކުގައި އެއީ ސެންސަރު ކުރުމަށް ހުށަހެޅި ކޮޕީއެއް ކަމުގައި ލިޔެފައިވެ އެވެ.

ލީކު ކޮށްލާފައިވާ "އުޅްތާ ޕަންޖާބު"ގެ މަންޒަރެއް ---

ޝާހިދު ކަޕޫރު، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމުގެ ގިނަ ސީންތަކެއް ކަނޑައި، ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސެންސަރު ބޯޑުން ކުރިން އަންގާފައިވާ ކަމަށްވެ އެވެ.

ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ވަނީ އެންމެ މަންޒަރެއް ކަނޑާލުމަށް ފަހު ފިލްމު ދެއްކުމުން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ. އަދި އެއީ "ބޮޑެތި މީހުން ބެލުމަށް އެކަށީގެންވާ" ފިލްމެއްގެ ގޮތުގައި ވަނީ ފާސްކޮށްދީފައެވެ.

ލީކު ކޮށްލާފައިވާ "އުޅްތާ ޕަންޖާބު"ގެ މަންޒަރެއް ---

އެ ފިލްމު ފާސްކޮށް، ރަސްމީކޮށް ސެޓްފިކެޓް ހަވާލު ކުރަން ތާވަލުކޮށްފައި އޮތީ މިއަދު އެވެ.

އޭގެ ކުރިން ފިލްމު ލީކު ކޮށްލާފައި ވާއިރު، ހައި ކޯޓުން ކަނޑަން އެންގި ސީން ވެސް ހިމެނެ އެވެ. (ސްޕޮޓްބޮއި)