ސައުދީ އަރަބިޔާ އިން ދިވެހި ރައްޔިތުންނަށް ބަހަންދިން ކަދަރުތައް ބަހަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ހިއްސާ އޮންނަ ޖަމިއްޔާއަކުން ކަމަށް ސައުދީ އެމްބަސީން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރަކީ މުސްލިމް ދެ ގައުމެއްގެ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ނަމަވެސް އެ ކަދުރުގެ މައްސަލައިގާ ދިވެހިންގެ މެދުގައި ހިޔާލު ތަފާތު ވުންތަކެއް އުޅޭތީ އެކަމާ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ.

ސައުދީ އެމްބަސީން ބުނީ، މުޖުތަމައުގައި އުޅޭ ފަގީރުންނާއި އެހީއަށް ބޭނުންވެފައިވާ މީހުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މެޑަމް ފާތިމަތު އިބްރާހިމް އެހީތެރިކަން ފޯރުކޮށްދެނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށެވެ.

އެގޮތުން، ކަދުރުތައް ބެހެމުގައި މެޑަމްގެ އިސްނެންގެވުމަށް ސައުދީ ޝުކުރުއަދާކޮށްފައިވެ އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ރާއްޖެ އަށް ހަދިޔާކުރި އެ ތަކެތި ރަނގަޅު ގޮތުގައި ބަލައިގަތުމަށް އެމްބަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.