ބިރުދައްކައިގެން ގަދަކަމުން ރިބާ ލޯނެއްގެ ފައިސާ ދެއްކުވި ކަމަށް ބުނެ މއ. އަތަމާގޭ، އިބްރާހިމް އަބްދުއްލަތީފް ޕްރޮސެކިއުޓާ ޖެނެރަލްއާ ދެކޮޅަށް ސިވިލް ކޯޓުގައި މިއަދު ދައުވާއެއް އުފުލައިފި އެވެ.

އަބްދުއްލަތީފްގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ "އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކޮށް، އެ ޗެކަށްވާ ފައިސާ ނުދެއްކުމުގެ" ކުށުގެ ދައުވާ އަބްދުއްލަތީފްގެ މައްޗަށް ޕީޖީ ކޮށްފައި ވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ހިމަނައިގެން ކަމަށެވެ. އަދި އެ ދައުވާ ކުރުމުގެ ސަބަބުން އަބްދުއްލަތީފް ދައްކަން ނުޖެހޭ 500،000 ޑޮލަރު ]7،710،000ރ.[ ދެއްކުމަށް މަޖުބޫރުވެފައިވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ އަބްދުއްލަތީފްގެ މައްޗަށް ޗެކު ބައުންސްގެ ދައުވާ ޕީޖީ އިން ކޮށްފައި ވަނީ އަބްދުއްލަތީފް އޯނަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއްގެ މައްސަލައިގައި ކަމަށެވެ. އަދި ހަގީގަތުގައި ފަހުން އޯނަސް އިން ހޯދުމަށް އެދިފައިވާ ފަސް ލައްކަ ޑޮލަރަކީ ރިބާގެ ފައިސާ ކަމަށާއި ޕީޖީއަށް ވެސް އެކަން ރަނގަޅަށް އެނގޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
ޗެކު ބައުންސް މައްސަލަ ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓަށް ވެއްދުމުން ކޯޓުން ވެސް އެ ފައިސާ ދެއްކުމަށް ބުނެފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ. ފައިސާ ދައްކަންދެން ކޯޓުގައި އަބްދުއްލަތީފް ބަހައްޓާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އަދި ފަސް ލައްކަ ޑޮލަރު އޯނަސް އަށް އެ ދުވަހު އަބްދުއްލަތީފް ދައްކާފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެތީވެ ކަމަށް ޝާހީން ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ އެ ފައިސާ އަބްދުއްލަތީފް ދެއްކުމުން އެ މައްސަލައިގައި ދެން ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުން އެ މައްސަލައިގެ ކުށުގެ ދައުވާ ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކޯޓުން ވެސް އެ މައްސަލަ ބޭރު ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ވެސް އެ ދުވަހު ބުނެފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ ޕީޖީ އޮފީހުން އަބްދުއްލަތީފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ "އަތަމާ މެރީން ޕްރައިވެޓް ލިމިޓެޑް"ގެ ޗެކެއްގެ މައްސަލައިގައި ކަމަށެވެ. އަދި ކުންފުންޏާ ބެހޭ ގާނޫނުގައި ކޮންމެ ކުންފުންޏަކީ ވެސް ވަކި ގާނޫނީ ޝަހްސެއް ކަމަށް ބަޔާންކޮށްފައިވާ އިރު، ކުންފުންޏެއްގެ ޗެކެއްގެ މައްސަލައިގައި ވަކި ފަރުދެއްގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ އަބްދުއްލަތީފްގެ މައްޗަށް ޕީޖީ ދައުވާ އުފުލާފައި ވަނީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާ އާއި 220 ވަނަ މާއްދާގެ ށ. އާއި ކުންފުންޏާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އާއި ޕީޖީގެ ގާނޫނުގެ 15 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ގާނޫނު އަސާސީގެ 220 ވަނަ މާއްދާގެ ށ. ގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރަންވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ބަޔާންކޮށްފައިވާ އިރު، ރިބާ ލޯނެއް ދެއްކުމަށް ޕީޖީއަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ އެ ލޯނު ދައްކަން އަބްދުއްލަތީފަށް މަޖުބޫރުވުމުގެ ސަބަބުން އޭނާ އަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަބްދުއްލަތީފް ދައްކަން ނުޖެހޭ ފައިސާ އަށް ދައްކަންޖެހުމުގެ ސަބަބުން ބޭންކުތަކުން އޭނާ ނަގާފައިވާ ލޯނުތަކެއް އަވަހަށް ދައްކަންޖެހި އޭނާގެ ބެލުމުގެ ދަށުގައިވާ އާއިލާތަކަށް ގެއްލުންވެ މީހާ ބަނގުރޫޓުވެފައިވާ ކަމަށެވެ. އަދި އަބްދުއްލަތީފްގެ ފަރާތުން ވަކީލު އެދިވަޑައިގަތީ އެކަމުގައި އަބްދުއްލަތީފަށް ލިބިފައިވާ ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ބަދަލު ޕީޖީގެ ފަރާތުން ހޯދުމަށެވެ. އެގޮތުން ދައްކަންޖެހުނު 500،000 ޑޮލަރާއި ކްރިމިނަލް ކޯޓުގައި ވަކީލުންގެ ފީއަށް ހަރަދުވި 200،000ރ. އާއި ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅައި ކުރިއަށް ގެންދިއުމަށް މިހާތަނަށް ހަރަދުވި 35،000ރ. އާއި ކުރިއަށް ހަރަދުވާނެ ފައިސާ ޕީޖީގެ ފަރާތުން ހޯދައިދިނުމަށް ޝާހީން އެދިވަޑައިގަތެވެ.

އަބްދުއްލަތީފްގެ ދައުވާއާމެދު ޕީޖީ އޮފީހުގެ ވަކީލާ ޖިހާދާ އަނީސް މިއަދު ވިދާޅުވީ އެ މައްސަލަ އަކީ ވެސް ޗެކު ބައުންސްގެ އެހެން މައްސަލަތަކެކޭ އެއްގޮތަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ ދައުވާގައި ވަރަށް ގިނަ ނުކުތާތަކެއް ފާހަގަ ކޮށްފައިވުމުން ފުރިހަމަ ޖަވާބެއް ދިނުމަށް ތިން ހަފްތާ ދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ. އެކަމަކު އަބްދުއްލަތީފްގެ ވަކީލު ވަނީ ޕީޖީ އޮފީހަށް ތިން ހަފްތާ ދިނުމާ މެދު އިންކާރު ކުރައްވައިފަ އެވެ.
އެ މައްސަލަ ބައްލަވާ ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ޖަވާބުދާރީވުމަށް 10 ދުވަސް ފުދޭ ކަމަށް ވިދާޅުވެ އެ މުއްދަތު ދެއްވުމަށް ފަހު އެވެ.

އަތަމާގޭ އަބްދުއްލަތީފް ހުސެއިން މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން ނަގާފައިވާ 15 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން އަތަމާގެ ހިމެނޭ ގޮތަށް މއ. ފެހިއަތަ އާއި މއ. ދޮންއަތަ ވިއްކުމުގެ ހުއްދަ ދާދިފަހުން ސިވިލް ކޯޓުން ވަނީ ބޭންކަށް ދީފަ އެވެ.