އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނޭ ހިންމަފުށީ ސްކޫލުގެ ކޮންމެ ދަރިވަރަކަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ، ހިންމަފުށީ ސްކޫލުން ގްރޭޑް 10 ނިންމައި އޯލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފައިސާ ދޭން ނިންމީ، ރަށުގެ ތައުލީމީ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.

ފައިސާގެ އިނާމު ދޭން ހިންމަފުށީ ކައުންސިލުން ނިންމާފައި ވަނީ މިއަހަރުން ފެށިގެން އޯލެވެލް ހަދާ ދަރިވަރުންނަށެވެ.

އޯ ލެވެލްގެ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އިތުރުން އޯލެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވާ ކޮންމެ ދަރިވަރަކަށް 10،000 ރުފިޔާގެ އިތުރުން ރިސޯޓެއްގައި އެއް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ދަރިވަރާ އެކު ތިން މީހުންނަށް ދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، އޯލެވެލްގައި މާއްދާއަކުން 65 ޕަސެންޓް ހޯދާ ދަރިވަރުންނަށް ވެސް 5000 ރުފިޔާގެ ފައިސާގެ އިނާމެއްދޭން ވަނީ ނިންމައިފަ އެވެ.