15 Jun 2016, 15:36
މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް އެކޯޓުގެ ގާޒީންގެ މަޖިލީހުން ފާސްކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި އާންމުކޮށްފައިވާ އެންގުމެއްގައި ވާގޮތުން ދެބަޔަކަށް ބަހާލައިގެން ކޯޓު ރިސެސްއަށް ދިއުމަށް ގާޒީންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކޯޓު ރިސެސްގެ މުއްދަތަކީ މިޖޫން މަހުގެ 16 އިން 30 އަށް ކަމަށާއި ދެވަނަ ރިސެސްގެ މުއްދަތަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 01 އިން 15 އަށް ކަމަށް ވަނީ ނިންމައިަފ އެވެ.
ކޯޓް ރިސެސްއާއި ގުޅިގެން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
އޭގެތެރޭގައި ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާމީހުންގެން ބަންދާމެދު ގޮތެއްނިންމުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކާއި އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރަން ހުރި މަސައްކަތްތަށް ހިމެނޭ ކަމަށް ކޯޓުން ބުންޏެވެ.