ޓޯކިޔޯ (ޖޫން 15): ސަރުކާރުގެ ފައިސާ އަމިއްލަ ކަންތައްތަކަށް ހަރަދު ކުރިކަމުގެ ތުހުމަތާ އެކު ޓޯކިޔޯގެ ގަވަރުނަރު، ޔޮއިޝީ މަސުޒޯ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖަޕާންގެ މީޑިއާތަކުން ބުނެފި އެވެ.

މަސުޒޯ މަގާމުން އިސްތިއުފާ ދެއްވީ އޭނާއާ ދެކޮޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނަގަން މިއަދު ހަމަޖައްސާފައި ވަނިކޮށެވެ.

ޗުއްޓީތަކަށާއި ދަރިންނަށް ކޮމިކް ފޮތްތައް ގަނެ ދިނުމަށް ސަރުކާރުގެ ފައިސާ ބޭނުން ކުރިކަމުގެ ތުހުމަތު ކޮށްފައިވާ މަސުޒޯ ވަނީ އޭނާ ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދެހާސް ވިހީގައި އޮލިމްޕިކްސް ބާއްވަން ހަމަޖައްސާފައިވާ ޓޯކިޔޯގައި އެ މައްސަލަ ފެންމަތިވެފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ އިންތިހާބާ ދިމާކޮށެވެ. އެ މައްސަލައިގެ ސަބަބުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ލިބެރަލް ޑިމޮކްރަޓިކް ޕާޓީއަށް އޮންނަ ތާއިދު ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ.

މަސުޒޯ ސަރުކާރުގެ ފައިސާ އަމިއްލަ ކަންތައްތަކަށް ހޭދަ ކުރައްވާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑު ފެތުރިފަ އެވެ. އަދި އޭނާ ވަނީ އެފައިސާ ސަރުކާރަށް ރައްދު ކުރައްވާނެ ކަމަށާއި ހަރަދު ކުރައްވާ މިންވަރު މަދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަސުޒޯގެ ކުރިން ޓޯކިޔޯގެ ގަވަރުނަރު ކަން ކުރެއްވި ނައޯކީ އިނޯސޭ ވެސް 2013 ވަނަ އަހަރު އިސްތިއުފާ ދެއްވީ ހިޔާނާތުގެ މައްސަލައެއްގަ އެވެ. (ބީބީސީ)