އަތޮޅުތަކުގެ ކޯޓުތަކަށް ބޭނުންވާ 44 މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އެކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބައެއް އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ މަގާމަށް ބޭފުޅުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަގާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.

މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށް އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ޅ، އއ، އދ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ރަށްތައް ހިމެނެ އެވެ.

މެޖިސްޓްރޭޓް ކަމަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އިންތިހާބަކުން އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއްގައި ނުހުރުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިސްލާމީ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން އެއްވެސް ކަހަލަ ބަދުއަހުލާގީ އަމަލެއް ކުރިކަން ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވި އެހުކުމް ވޭތުވެ ދިޔަ ހަތް އަހަރުތެރޭގައި ތަންފީޒުކޮށްފައިވާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ.