15 Jun 2016, 14:55
ސިޔާސީ ގޮތުން ފޯރިގަދަ، 1500 މީހުންގެ އާބާދީއެއް އޮންނަ ގއ. ގެމަނަފުށީގެ ހުރިހާ ޕާޓީއެއްގެ ރައްޔިތުން ގުޅިގެން ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރުމަށްފަހު އެރަށުގައި ހިތް ފަސޭހަ، ޒަމާނީ މައިދާންތަކެއް ހަދަން ފަށައިފިއެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ސަން އަށް ވިދާޅުވީ ޑިސެމްބަރު މަހު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެރަށް ޒީނަތްތެރިކުރުމަށް އަވަށު ފޯރީގައި އެރަށުގެ އުތުރު ކޮޅާއި ދެކުނު ކޮޅުގައި ހިތް ފަސޭހަ މައިދާންތަކެއް ހެދުމުގެ މަސައްކަތް ކަރަމުންދާ ކަމަށެވެ.
އެމަސައްކަތް ކުރަނީ ހުރިހާ ޕާޓީތަކަކަށްވެސް ނިސްބަތްވާ މީހުން އެކުގައި ނިކުމެ ހިލޭ ސާބަހަށް ކަމަށާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ ހެޔޮ އެދޭ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގެމަނަފުށީގެ އެންމެ ފުރަތަމަ ކައުންސިލަރު އަދި އެރަށުގެ އެމްޑީޕީގައި އިސްކޮށް އުޅުއްވާ އަލީ އަހުމަދު ވިދާޅުވީ، އެރަށު ދެކުނު ކޮޅު ރައްޔިތުން އެކުގައި ނުކުމެ އެސަރަހައްދު މޫދުގައި ގާއިމް ކުރަނީ ވޯޓާ ވިލާއެއް ކަމަށެވެ. އެތަނުގައި 150 ފޫޓުގެ ފާލަމެއް ހަދާއިރު ފާލަން ނިމޭކޮޅުގައި ދެ ބުރީގެ ހަޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"މިބުނާ ވޯޓާ ވިލާގައި މޫދު ކުޅިވަރުވެސް ކުޅެވޭގޮތަށް ނުވަތަ މަސް ފެންގަނޑުން މަހަށް ކާންދެވޭގޮތަށް ހުންނާނީ،" އަލީ ވިދާޅުވި އެވެ.
އެހަޓުގައި ޖޯލިފައްޗާއި ސޯފާ ބަހައްޓަން ނިންމާފައިވާ އިރު، ކޮފީއަށް ހާއްސަކޮށްގެން ވަކި ބައެއް ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ރޯދަވިއްލައިގެން ރަށުގެ ރައްޔިތުން ނުކުމެ އެމަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތަށް ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާގެ ތަކެތި ޚަރަދުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީގައި ހިތްފަސޭހަ މައިދާން ހެދުމުގެ މަސައްކަތް ކުރަނީ--
އެރަށު އުތުރުކޮޅުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލް މެމްބަރު އަބްދުލް ހައްނާން ވިދާޅުވީ، ގެމަނަފުށީގައި ހިތްފަސޭހަ މައިދާންތައް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެރަށު އުތުރުކޮޅުގައި "މާރެހާވިއު" ގެ ނަމުގައި 300 ފޫޓުގެ ސަރަހައްދެއް ތަރައްގީ ކުރަން ފަށާފައިވާ ކަމަށެވެ.
އެސަރަހައްދުގެ މޫދު ކައިރީ ކުޑަ ޖަހައި، ލައިފް ގާޑު ހަޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު މަސް ފިހަން ޚާއްސަ ތަންތަނާއި މޫދުން އައިސް ފެންވެރުމަށް ޚާއްސަ މާ ގަނޑުތަކެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ހަންނާނު ވިދާޅުވި އެވެ.
ކައުންސިލަރު ހަންނާނު ވިދާޅުވީ، އެސަރަހައްދުގައި ބޮޑު ހަޓެއް ހެދުމަށް ވެސް ވަނީ ނިންމާފައި ކަމަށެވެ.
ގެމަނަފުށީ ކައުންސިލުން ބުނަނީ އެދެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.