15 Jun 2016, 14:47
މާލޭގައި މި ފަހަކަށް އައިސް ހިނގަމުން އަންނަ ގްރޫޕް މާރާމާރީތަކުގެ ޒިންމާ ހޯމް މިނިސްޓަރު އުމަރު ނަސީރު ނަންގަވަން ޖެހޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މާލޭގައި ގޭންގު މާރާމާރީ ބޮޑުވެފައި ވަނީ އިއްޔެއަކު ނުވަތަ މިއަދަކު ނޫން ކަމަށެވެ. ނަމަވެސް މިހާރު އެ މާރާމާރީ އިންތިހާއަށް އިތުރުވެފައިވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ސަލާމަތްކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވޭ ކަމަށްވާ ނަމަ އެކަންކަމާ ހަވާލުވެ ތިއްބެވި ފަރާތްތަކުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަން ޖެހޭނެ ކަމަށެވެ.
"އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހިވަޑައިގަންނަވާ ފަރާތަކީ ހޯމް މިނިސްޓަރު އުމަރު ނަސީރު. ދެން ހަމަ އެއާ އެކީގައި ދަންނަވާލަން ބޭނުން މި ހުރިހާ ކަމެއްގެ ތެރޭގައި މި ނުރައްކާ ކުރިމަތި ވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް. މި ރަމަޟާން މަސް ފެށުނީއްސުރެ ވެސް ހިނގައި ދިޔަ މާރާމާރީތަކުގައި އަދިއެއް އަޅުގަނޑުމެންނަކަށް ނުފެނޭ ޒުވާނެއް ނޫން އެހެން ފަރާތަކަށް މިކަމުގެ ހަމަލާއެއް އަމާޒުވަމުން އަންނަ ތަނެއް،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ މާރާމާރީތަކުގެ ހައްލަކީ ޓެގު އެޅުވުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފާހަގަ ކުރެވުނު ނަމަވެސް އެކަމުން އެއްވެސް ހަލެއް ގައުމަށް ނުލިބޭ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މާރާމާރީގެ ކަންކަން ހައްލުކުރަން އެހާ އުނދަގޫ ވެގެން އުޅޭ މައިގަނޑު ސަބަބަކީ ގޭންގުތަކާއި ސިޔާސީ އިސް ވެރިންނާ އޮންނަ ގުޅުން ބޮޑުވުން ކަމަށެވެ.
"ހަގީގަތުގައި ދަންނަވާ ކަމަށްވާ ނަމަ މިއަދު މިކަންކަން ހިންގާ ފަރާތްތައް [މާރާމާރީ ހިންގާ ފަރާތްތައް] ދަށުވެފައި މިއަދުގެ ސަރުކާރު މިއޮތީ. ކުރީގެ ސަރުކާރުތަކުގައި އެކަންކަން ނުހިނގައެކޭ ނޫން މި ބުނަނީ. އެކަމަކު މި ސަރުކާރު ވެރިކަމަށް އައިފަހުން މަހަކު އެކެއް ދޭއް ނުވަތަ ތިނެއް މި ރޭޓުން މީހުން މަރަން ވީމާ އެއީ މައްސަލައެއް." މަހުލޫފު ވިދާޅުވި އެވެ.