15 Jun 2016, 14:31
ވޮޝިންޓަން (ޖޫން 15): އާދިއްތަ ދުވަހު އުމަރު މަތީން ނަމަކަށް ކިޔާ މީހަކު އޯލަންޑޯގެ ނައިޓްކްލަބަކަށް ހަމަލާދީ 49 މީހަކު މަރާލި މައްސަލައާ ގުޅިގެން އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ޑޮނަލްޑް ޓުރަމްޕް ދެއްކެވި ވާހަކަފުޅަށް އެޕާޓީގެ އިސް ފަރާތްތަކާއި ރައީސް ބަރަކް އޮބާމާ ކުށްވެރިކުރައްވައިފި އެވެ،
އެހަމަލާއާ ގުޅިގެން ޓުރަމްޕް ވަނީ އެމެރިކާއާ ދެކޮޅަށް ޓެރަރިސްޓު ހަމަލާއެއް ދިންކަމުގެ ތާރީހެއް އޮތް ގައުމުތަކުން އަންނަ މުސްލިމުން އެމެރިކާ އަށް ވެއްދުން މަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހަމަލާތައް ދިނުމުގައި ކޮންމެވެސް ސިފަޔަކަށް ރައީސް އޮބާމާ ގުޅިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ޓުރަމްޕަށް ރައްދު ދެއްވަމުން އޮބާމާ ވަނީ ޓުރަމްޕުގެ ހިޔާލުތަކަކީ އެމެރިކާގެ ގާނޫނު އަސާސީ އާއި ގަބޫލުކުރުންތަކާ ހިލާފު ހިޔާލުތައް ކަމަށް ވިދާޅުވެފަ އެވެ. އަދި އޯލަންޑޯއަށް ހަމަލާދިން މީހާ އުފަންވީ އެމެރިކާއަށް ކަން ވެސް އޮބާމާ ފާހަގަ ކުރެއްވި އެވެ.
"ހުރިހާ މުސްލިމުންނާ މެދު އެއްގޮތަކަށް ދެކި ދީނަކާ ދެކޮޅަށް ހަނގުރާމައެއް ފަށާފައިވާ ކަމަށް ދޭހަވާ ގޮތަށް އަމަލު ކުރާ ނަމަ، އެއީ އަޅުގަނޑުމެން ޓެރަރިސްޓުންގެ މަސައްކަތް އެމީހުންނަށް ކޮށްދިނުން،" އޮބާމާ ވިދާޅުވި އެވެ.
ރައީސް އޮބާމާގެ އިތުރުން ޓުރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކުން ވެސް ވަނީ ޓުރަމްޕްގެ ވާހަކަފުޅާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ މުސްލިމުން މަނާ ކުރުމަކީ ގައުމަށް ރަނގަޅު ކަމެއްހެން. އެއީ އަޅުގަނޑުމެންގެ ޕާޓީގެ އަދި ގައުމުގެ ވެސް ގަބޫލު ކުރުންތަކާ ހިލާފު ކަމެއް،" ރިޕަބްލިކަން ޕާޓީގެ މެމްބަރު އަދި ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް، ޕޯލް ރަޔާން ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކުން ޓުރަމްޕްގެ ބަސްތައް ކުށްވެރި ކުރި ނަމަވެސް އެ ޕާޓީގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޕާޓީގެ 64 ޕަސެންޓް މެމްބަރުން އެމެރިކާ އަށް މުސްލިމުން ވެއްދުން މަނާ ކުރުމަށް ތާއިދު ކުރެ އެވެ. (ވޮޝިންޓަން ޕޯސްޓް)