15 Jun 2016, 14:07
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފިސްތޯލަ ވެއްދީ އާސިފް ކިޔާ ފުލުސް މީހެއް ކަމަށާއި އެކަން ސާބިތު ކުރުމަށް ހެކި އެބަހުރި ކަމަށް ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަން ސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކޮށް އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ނާޒިމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އިސްތިއުނާފު ކުރި ނުކުތާތައް ހުށަހަޅުއްވަމުން ސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލަ ވެއްދި ފުލުސް މީހާއަކީ އާސިފް ކިޔާ ފުލުސް މީހެއްކަމަށާއި އޭނާ ފިސްތޯލަ ވެއްދުމަށް ފަހު ނަގައި އެނދުމަތީގައި ބަހައްޓާފައި މިއީ ކާކުގެ އެއްޗެއްތޯ އެހިކަމަށެވެ. އަދި އެއީ އާސިފް ވެއްދި އެއްޗެއްކަން ސާބިތު ކުރުމަށް ހެކިން އެބަތިބި ކަމަށާއި އެހެންކަމުން އެ ހެކިން ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް ސުއޫދު އެދިވަޑައިގަތެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަ އާއި ތިން ވަޒަން އޮތީ ނާޒިމްގެ ހިޔާޒަތުގެ ދަށުގައިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އެއީ ނާޒިމްއަށް ލަނޑެއް ދިނުމަށް ވައްދާފައިވާ ތަކެތިކަން އެނގޭ ވަރަށް އެކަށީގެންވާ ހެކި އެބަހުރިކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
އޭގެއިތުރުން ނާޒިމްގެ އެމާޓްމެންޓުން ފެނުނީ އެމްއެންޑީއެފްގެ އާމަރީއިން ވަގަށް ނަގާފައިވާ ހަތިޔާރުތަކުގެ ތެރެއިން ހަތިޔާރެއް ކަމަށް ކެޕްޓަން އަލީ އިހުސާންއާ ހަވާލާދީ ސުއޫދު ވަނީ ވިދާޅުވެފަ އެވެ. ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ ހިބަޅިދޫގައި ހުރި ހަތިޔާރުތަކާ އެކު އެމްއެންޑީއެފުން ވަގަށް ނަގާފައިވާ ހަތިޔާރުތަކެއް ކަމަށް ކެޕްޓަން އަލީ އިހުސާން ކޯޓުގައި، ސިއްރު ހެކިބަސް ދެމުން ވިދާޅުވެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މިހާރު އެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސާއި އިތުރު ބައެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެހެންކަމުން ނާޒިމާ އެ ހަތިޔާރާ ގުޅުވޭނެ އެއްވެސް ތަނެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ އިތުރުން ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ބުނެ ފުލުހުން ގަލޮޅު "އެނިފު" ގެ ބަލައި ފާސްކުރިރޭ އަދީބާއި އޭރުގެ ސީޕީ ހުސައިން ވަހީދު އަދި އޭރުގެ ޕީޖީ މުހުތާޒު މުހިސިންއާއި ތިން ބެފުޅުން ކާރެއްގައި އެމަގުގައި ތިއްބެވިކަން އެނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ނާޒިމުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފައިލް ފޮޓޯ
އެ މައްސަލާގައި އެއްވެސް ގުޅުމެއް ނެތް އެ ތިން ބޭފުޅުން އެރޭ ކާރެއްގައި އެ މަގުގައި އެ އޮޕަރޭޝަން ހިނގި ގޮތް ބައްލަވަން ތިބެން ޖެހުނު ސަބަބު ސާފު ކުރުމަށް އަދީބާއި ހުސައިން ވަހީދު އަދި މުހުތާޒު މުހުސިން ހެއްކަކަށް ހާޒިރުކޮށްދިނުމަށް ސުއޫދު އެދިވަޑައިގަތެވެ.
މީގެ ކުރިން ދަށު ކޯޓަށާއި ހައިކޯޓަށް ވެސް އެމީހުންގެ ހެކިންގެ ގޮތުގައި ހާޒިރުކޮށްދިނުމަށް އެދިފައިވެ އެވެ. ނަމަވެސް ކޯޓުން އެ ހެކިތައް ބަލައި ނުގަންނަން ވަނީ ނިންމައިފަ އެވެ.
ނާޒިމްއަށް އިންޒާރު ދިނުމުގެ ގޮތުން އަދީބު ފޯނުން ގުޅައި ކޮންފަރެންސް ކޯލެއްގައި ހުރެ ނާޒިމަށް "ހޭއަރުވާލާނަން" ކަމަށް ބުނެފައިވާ ކަމަށާއި އެހެން ބުނި އަޑު ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެނގޭނެ ކަމަށާއި އެކަން ސާބިތުކުރުމަށް އުމަރު ހެއްކެއްގެ ގޮތުގައި ހާޒިރުކޮށް ދިނުމަށް ވެސް ނާޒިމްގެ ފަރާތުން ވަނީ އެދިފަ އެވެ.
އެމައްސަލާގައި ނާޒިމްގެ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދިފައި ވަނީ އޮޅުވާލައިގެންކަން ފާހަގަކޮށް ނާޒިމްގެ ވަކީލު ވިދާޅުވީ ކޯޓު އަމުރަށް އެދުނީ އިންޓެލިޖެންސް ރިޕޯޓެއް އޮތް ކަމަށް ބުނެ ކަމަށާއި ނަމަވެސް އިންޓެލިޖެންސް ރިޕޯޓު ނެތްކަމަށް ސުއޫދު ވިދާޅުވި އެވެ. ކޯޓުއަމުރާ ގުޅިގެން ހިނގައި ދިޔަ ކަންކަން ސާފުކުރުމަށް ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހެއްކަކަށް ހާޒިރުކޮށްދިނުމަށް ސުއޫދު އެދިވަޑައިގެންނެވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ޖަވާބު ދާރީވުމަށް ދައުލަތަށް ވަރަށް އަވަހަށް ފުރުސަތެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.
ނާޒިމްގެ މައްސަލަ ހިނގާދިޔަގޮތް
- ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 11 މަހާއި 18 ދުވަސްވެއްޖެ
- 18 ޖެނުއަރީ 2015: ވަޒީރުކަމުގައި ހުންނަވަނިކޮށް ނާޒިމް ގެއިން ހަތިޔާރު ފެނުނު. އޭގެ ދެ ދުވަސް ފަހުން ވަޒީރުކަމުން ވަކިކުރި
- ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ 2015 ވަނަ ދުވަހު
- 23 ފެބުރުއަރީ 2015: ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލި
- ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް 2 މާޗު 2015 ވަނަ ދުވަހު ނާޒިމްގެ މައްޗަށް އަލުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި
- 26 މާޗު 2015: ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
- ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރީ 12 އޭޕްރީލް 2015 ގައި
- ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށް ތާއީދުކޮށް އިސްތިއުނާފު މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ 15 މާޗު 2016 ވަނަ ދުވަހު، ނާޒިމް ޖަލަށް ލާން ހުކުމް ކުރިތާ އެއްއަހަރު ފަހުން