ޑީއާރްޕީގެ ކައުންސިލް މެންބަރު ހަސަން ސުޖާއު އެ ޕާޓީން ވަކިވެވަޑައިގެން، އެމްޑީޕީއާ ގުޅުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އޭނާއަށް މިއަދު ދެއްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ޒުވާނުންގެ މަގުބޫލްކަން ޑީއާރްޕީއަށް އިތުރު ކުރުމަށް "ކޮފީ ވިތު ޑީއާރްޕީގެ" ނަމުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ގޮފީގެ ރައީސްގެ ގޮތުގައި ކެންޕޭނެއް ފެއްޓެވި ހަސަން ސުޖާއު އަށް ސްޓޭޓް މިނިސްޓަރުކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު ސުޖާއުއަށް ދެއްވުމަސްފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހަސަން ޝުޖާއު އަށް މި މަގާމުގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީއެއްގައި އުޅުއްވުމަށްފަހު މި ސަރުކާރުގެ މެނިފެސްޓޯގެ ފިކުރުގައި ގައުމަށާއި ރައްޔިތުންނަށް ހެވާއި ލާބަ ހޯއްދަވައިދެއްވުމަށް އެ މަގަށް ހަސަން ޝުޖާއު މަސައްކަތް ފެއްޓެވީތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު ކަމަށް ހަސަން ސުޖާއު އައްޔަން ކުރެއްވި އިރު، އެ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުންނެވި މައިޒާން އާދަމް މަނިކު ޢައްޔަން ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމުގެ މަގާމުގައި ހުންނެވި އަސްލަމް ޝާކިރު ޢައްޔަން ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށެވެ.