ވ. ފެލިދޫ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ އެތަކެތި ހޯދާފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ ގެއިން ފެނުނު ތަކެތީގެ ތެރޭގައި ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ޒާތުގެ ފޮތްކަކާއި ލިޔެކިއުންތަކެއް ހިމެނެ އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ވ. އަތޮޅުން ސިހުރު ހާހޫރައިގެ މައްސަލައެއް ފެންމަތިވެފައިވާ އިރު، 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހާ ހަމައަށް އެ އަތޮޅުގެ ރަށްތަކުން ފުލުހުންނަށް ހުށަހަޅާފައި ހުރި ހުރިހާ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވީ މީގެ ދެ ދުވަސް ކުރިންނެވެ.