15 Jun 2016, 12:58
އޯލަންޑޯ (ޖޫން 15): އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި ހުންނަ ކްލަބެއްގައި ބަޑިން ހަމަލާދީ 49 މީހަކު މަރާލި އުމަރު މަތީންގެ އަނބިމީހާ، ނޫރު ސަލްމާންގެ މައްޗަށް އެހަމަލާއާ ގުޅިގެން ދައުވާ ކޮށްފާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ނޫރުގެ މައްޗަށް ދައުވާ ކުރާނީ އޭނާގެ ފިރިމީހާ އެފަދަ ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަން އެނގި ހުރި އެކަން ރިޕޯޓު ނުކޮށް ހުރިކަމަށް ވާނަމަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެފްބީއައިއާ ވާހަކަ ދައްކަމުން ނޫރު ވަނީ އުމަރު ހުއްޓުވަން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.
"[އުމަރު ހަމަލާ ދޭން އުޅޭކަން] ނޫރަށް އެނގި އުމަރު ހުއްޓުވަން މަސައްކަތް ކުރި ކަމީ ތެދަކަށްވާ ނަމަ، އޭނާގެ މައްޗަށް ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެއް. އަދި އެމައްސަލާގައި އޭނާ އިތުރަށް ޝާމިލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުން އެކަން ތަހުގީގު ކުރަން ޖެހޭނެ،" ހޯމްލޭންޑް ސެކިއުރިޓީ ސަބްކޮމިޓީ އޮން ކައުންޓާއިންޓެލިޖެންސް އެންޑް ޓެރަރިޒަމްގެ ޗެއާމަން، ޕީޓާ ކިންގް ވިދާޅުވި އެވެ.
އާދިއްތަ ދުވަހު ނޫރު ސަލްމާނާ ސުވާލުކޮށްފައިވީ ނަމަވެސް އޭނާ އަދި ހައްޔަރުކޮށްފައި ނުވެ އެވެ. ނަމަވެސް، ނޫރުގެ މައްޗަށް މިއަދުގެ ވަގުތެއްގައި ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީން ބުނެފައިވެ އެވެ.
އެފްބީއައި އިން މިހާރު ދަނީ އުމަރަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ހާއްސަ އެކްލަބަށް އާއްމުކޮށް ގޮސް އުޅުނު މީހެއް ކަމަށް ބުނާ ބުނުން ތަހުގީގު ކުރަމުންނެވެ. އަދި އޭނާއަކީ އިސްލާމިކް ސްޓޭޓް ފަދަ ޖަމާއަތަކާ ގުޅުން އޮތް މީހެއް ކަމަށް ދޭހަވާ ހެއްކެއް ފެނިފައި ނުވާ ކަމަށް ވެސް މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. (ގާޑިއަން)