ފައިދިގު މަކުނުގެ ވަރަށް ނުރައްކާތެރި ބާވަތެއް ކަމުގައިވާ ބްލެކް ވިޑޯ ކަމަށް ބެލެވޭ އެއްޗެހި ތަކެއް ހެންވޭރު އަޑިޕާކުން ފެނިއްޖެއެވެ.

އަޑިޕާކުގައި ހަދާފައިވާ ފުޓްސަލް ދަނޑު ސަރަހައްދުން މިއަދު 10:45 ކަންހާއިރު އެތަކެތި ފެނިފައިވާ ކަމަށް އެސަރަހައްދުގައި އުޅޭ ފަރާތްތަކުން ސަން އަށް ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން މިހާރު ވަނީ އެސަރަހައްދު ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ "ބްލެކް ވިޑޯ" ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިދިޔަ އަހަރު ތެރޭގައިވެސް ވަނީ މާލެއާއި ހުޅުމާލެއިން ބުލެކް ވިޑޯ ފެނިފައެވެ.

ފައިދިގު މަކުނުގެ އާއިލާގެ އެންމެ ނުރައްކާތެރި އަދި ވިހަގަދަ "ބްލެކް ވިޑޯ ސްޕައިޑާ" ދަތް އަޅައިފިނަމަ، އެ މީހަކަށް ފިޓް ޖެހި، އަދި މާ ބަނޑު މީހުން ބައިގެންދިއުން ފަދަ ހާދިސާތައް މެދުވެރިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެއެވެ.