އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:15 އެހައިކަންހާއިރު ކަމަށެވެ. އެ ހާދިސާގައި ސ. ހިތަދޫ، އަހިވަށްމާގޭގެ ކޮޓަރި އާއި ސިޓިން ރޫމްގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އަލިފާން ކޮންޓްރޯލް ކުރެވުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމުން ކުރި މަސައްކަތުންނެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ސަން އަށް ވިދާޅުވީ ބެލެވޭގޮތުގައި އެ ހާދިސާ ހިގަން މެދުވެރިވީ ކަރަންޓު ޝޯޓެއްވެގެން ކަމަށެވެ.

"ރެއަކީ ވަރަށް ވިއްސާރަރެއެއް ހިތަދޫއަށް. އަލިފާން ރޯވީ ކަރަންޓު ޝޯޓަކުން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފްގެ ބޭފުޅުން މައުލޫމާތު ދެއްވަނީ. އަލިފާން ރޯވި ކޮޓަރިތެރޭގައި ކަރަންޓު ސްވިޗް ކައިރީ ގޮދަޑިއެއް ބަހައްޓާފައި ހުރި. ބޮޑަށް ބެލެވެނީ ވިއްސާރަވެ ވިދާލި ގަނޑީގައި އެ ގޮދަޑީގައި ރޯވީ ކަމަށް،" ސޯބެ ވިދާޅުވި އެވެ.

ސ. ހިތަދޫ، އަހިވަށްމާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

އަލިފާން ރޯވި ވަގުތު ކޮޓަރީގައި އެއްވެސް މީހަކު ނެތް ކަމަށާއި އެ ހާދިސާގައި ސިޓިން ރޫމްގައި ހުރި ޓީވީ ހަލާކުވުމުގެ އިތުރުން ދޮރުތަކުގައި ހަރުކޮށްފައިވާ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެ ހާދިސާގައި އެގޭގެ ކަރަންޓު ވައިރިން މުޅިން ހަލާކުވެފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމާ އެކު ރޭ ފަތިހު އައްޑޫ ސިޓީގެ މޭޔަރު ވަނީ އެގެއަށް ވަޑައިގެން އެގޭގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައިލައްވާފައެވެ.