ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތް ފަހުން ވެސް ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އިދިކޮޅު ފަރާތެއްގެ ގޮތުގައި އަމިއްލަފުޅަށް އިނގިރޭސި ވިލާތަށް އަރުވާލެއްވިގެން ރައީސް ނަޝީދު ހުންނެވި ދުވަސްވަރު އެ މަނިކުފާނަކީ ޒަމީރުގެ ގައިދީއެއް ކަމަށް ކަނޑައެޅި އެމްނެސްޓީ އިންޓަނޭޝަނަލް އިން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި، ނަޝީދުގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިދިކޮޅު ލީޑަރު ހައްޔަރު ކުރި ކުރުމަށެވެ.

އިންސާނީ ހައްގުތަކާ ހިލާފަށް ރާއްޖޭގައި އަމަލު ކުރާ ކަންތައްތައް ކަމަށް ދެން ފާހަގަކޮށްފައި ވަނީ، ޒިނޭ ކުރުމުން ހައްދު ޖެހުމާއި ފަހުގެ ތާރީހެއްގައި ހުކުމް ތަންފީޒު ނުކުރިއަސް، މަރަށް މަރުހިފުން ފޮތުގައި އޮތުމަކީ އިންސާނީ ހައްގުތަކާ ހިލާފު އަމަލެއް ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓްގައި ބުނެފައި ވަނީ ރައްޖޭގައި އިންސާނީ ހައްގުތައް ސަރުކާރަށް ހޯދައި ދިނުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ކޮންޓްރޯލްގެ ދަށުގައި ރައްޔިތުންގެ މަޖިލީސް އޮތުމުން ނަޝީދުގެ ސަރުކާރަށް ދަތިތައް ކުރިމަތިވެ، ގާނޫނުތައް ފާސްކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އެމްނެސްޓީގެ ރިޕޯޓްގައި ހައްޔަރު ކުރި އިދިކޮޅު ލީޑަރަކީ ކޮބައިކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.
ނަމަވެސް ފުލުހުން ފޮނުވައިގެން ސުޕްރީމް ކޯޓުގެ ތަޅުއެޅުވުމަށް ނަޝީދުގެ ސަރުކާރުން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓީ، ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ރ