ދުޅަހެޔޮކޮށް ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ހޯދުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަގު ބޮޑުކަމެވެ. އަދި އަގުބޮޑުކޮށް ގަންނަ އެމޭވާ އާއި ތަރުކާރީ މާއަވަހަށް ނުބައިވާކަމެވެ. ވީމާ މޭވާ އާއި ތަރުކާރީގެ ތާޒާކަން ދަމަހައްޓަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެގޮތުން ބައެއް މޭވާ އާއި ތަރުކާރީގެ ތާޒާކަން ދަމަހައްޓަން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:

މޭވާ

  • ދޮންކެޔޮ:
    • ދޮންކެޔޮ ފައްކާވަނީ އޭގެ ތަނޑިން އެތިލީން ކިޔާ ގޭހެއް ރިލީޒް ކޮށްގެންނެވެ. ވީމާ ދޮންކެޔޮ ފައްކާވުން ލަސްކުރުމަށްޓަކައި އޭގެ ތަނޑީގައި ކްލިންގް ފިލްމް ނުވަތަ ޕްލާސްޓިކް ރެޕް އޮޅާލާށެވެ.
  • އާފަލު:
    • އާފަލަކީ ވެސް ދޮންކެޔޮ ފަދައިން އެތިލީން ގޭސް ރިލީޒްކޮށްގެން ފައްކާވާ މޭވާއެއް ކަމުން އެތިލީން ގޭސް ރިލީޒް ކުރުން ހުއްޓުވުމަށްޓަކައި އާފަލު ކޮތަޅަކަށް ލުމަށް ފަހު ފުރިޖުގައި ރައްކާ ކުރާށެވެ.
  • އެވޮކާޑޯ:
    • އެވޮކާޑޯ ދޮން ވުމުގެ ކުރިން އެންމެ ރަނގަޅީ ރޫމް ޓެމްޕަރޭޗާގައި ރައްކާ ކުރުމެވެ. ދޮންވުމުން ފުރިޖުގައި ރައްކާ ކުރާށެވެ. އޭރުން ގާތްތަގަނޑަށް ހަފްތާއެއް ވަންދެން ތާޒާކަން ހުންނާނެ އެވެ. އެވޮކާޑޯގެ އެއް ފަޅި ރައްކާ ކުރަން ބޭނުން ނަމަ، މަތި ޖެހި ތަށްޓެއްގެ އެތެރެއަށް ބޮޑުކޮށް ކޮށާފައިވާ ފިޔާ އެޅުމަށް ފަހު އެވޮކާޑޯ ފަޅި އޭގެ ތެރެއަށްލާށެވެ. އަދި މަތިޖެހުމަށް ފަހު ފްރިޖަށްލާށެވެ. އޭރުން ތިން ދުވަހަށް ތާޒާކަން ދެމިހުންނާނެވެ.

ތަރުކާރީ

  • ސެލެރީ:
    • ސެލެރީއަކީ ވެސް އެތެލީން ގޭސް ރިލީޒް ކުރާ ތަރުކާރީއެކެވެ. ސެލެރީގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި އޭގެ ވަށައިގެން އެލުމިނިއަމް ފޮއިލް އޮޅާލުމަށްފަހު ފްރިޖަށްލާށެވެ. އޭރުން ހަފްތާއަކަށް ވުރެ ގިނަ ދުވަހަށް ތާޒާކަން ހުންނާނެ އެވެ.
  • ލެޓިއުސް:
    • މަތިޖެހި ޕްލާސްޓިކް ތަށްޓެއްގެ ތިރީގައި ޕޭޕާ ޓަވަލްތަކެއް އަތުރާލުމަށްފަހު ލެޓިއުސް، ބޮނޑި ނުވާ ގޮތަށް އޭގެ މަތީގައި އަތުރާލާށެވެ. ލެޓިއުސްގެ މަތީގައިވެސް ޕޭޕާ ޓަވަލްތައް އަތުރާލުމަށް ފަހު މަތިޖަހާށެވެ. އަދި ފްރިޖުގެ އެންމެ ތިރީ ބަޔަށްލާށެވެ. އެގޮތަށް ރައްކާ ކުރުމުން ލެޓިއުސްގެ ތާޒާކަން ހަފްތާއަކަށް ވުރެ ގިނަ ދުވަހަށް ހުންނާނެ އެވެ.

މައުލޫމާތު: އޯގޭނިކްމެޑިކް