15 Jun 2016, 10:47
ކުޑަ ކުއްޖެއްގެ ގޮތުގައި ޖެނިފާ ހެރަލް ކްރިސްޓިއަން ފައްޅިތަކަށާއި ކްރިސްޓިއަން ނުވަތަ މަސީހީ ދީން ކިޔަވަން ސަންޑޭ ސްކޫލްތަކަށް ގޮސް އުޅުނެވެ. ޒުވާން އުމުރުގައި ޑްރިލް ޓީމުގައި ބައިވެރިވެ، ފުޓްބޯޅަ ކުޅުންތެރިއަކާ ލޯބީގެ ގޮތުން ގުޅުނެވެ.
ހަޔާތުން ދުވަސްތައް ފާއިތުވެ، ކޮލެޖް ނިންމުމަށްފަހު ކްރިސްޓިއަން ގްރޫޕެއްގެ ޔޫތު މިނިސްޓަރަކަށް ހެރަލް ވި އެވެ. އުމުރުން 23 އަހަރުގައި އެކަނިވެރި މަޔެއްގެ ބުރަ އުފުލަންޖެހުނެވެ. ނަމަވެސް ޒުވާން އުމުރުގައި އޭނާ ހުރީ ތެދުމަގުގައި ސާބިތުވެ، މުސްލިމް އަންހެނެއްގެ ގޮތުގައެވެ.
"އަހަރެން އުޅެ ބޮޑުވީ ޓެކްސަސްގަ. އޭރު އަހަރެން ކުރީ އަހަރެން ކުރަންޖެހޭ ކަމަށް ގަބޫލުކުރެވުނު ކަންތައް. އަހަރެން ކްރިސްޓިއަން ފައްޅިތަކަށް ގޮސް، ޕާޓީ ކުރަން ދިޔައިން. ނަރަކައެއް ސުވަރުގެއެއް އޮތް ކަމަކަށް ނުވެސް ވިސްނަން. އެކަމަކާ ކަންބޮޑެއް ވެސް ނުވޭ،" އޭނާ ކިޔައިދިނެވެ.
ފިހާރައެއްގެ ސޭލްސްގެ މަގާމު ހެރަލް އަދާކުރި ދުވަސްވަރެވެ. ވަޒީފާ އަދާކުރަމުންދިޔަ ތަނުގެ މުސްލިމު އަންހެނަކު، ހެރަލް އާއެކު ދީނީ ބަހުސްކޮށް ހެދި އެވެ. ނަތީޖާއަކަށްވީ ކްރިސްޓިއަން ދީނަށް އޭނާ ލޯތްބާއި އިހްތިރާމް މަޑުމަޑުން ފޮހެވެމުންދިއުމެވެ. އެކަން ދިފާއުކުރުމަށް ބައިބަލް ކިޔެވި ނަމަވެސް، އިސްލާމްދީނަށް ޖެހެމުންދިޔަ ލޯބި އިތުރުވަމުންދިޔައެވެ. ކްރިސްޓިއަން ދީން ގަބޫލުކޮށްގެހުރި ދުވަސްވަރު ވެސް އަޅުކަމަށް ފަރުވާކުޑަކުރި، ހެރަލް އަށް މުސްލިމުން ކުރަން އަންގަވާފައިވާ ފަރުޟު ފަސް ނަމާދު ނާޅައި ކުރަން ފެށުނެވެ. މުސްލިމުންނާއެކު ރޯދަ ހިފަން އާދަވި އެވެ.
ފުރަތަމަ ފަހަރަށް މިސްކިތަކަށް ދިއުން ވެގެން ދިޔައީ ހެރަލް އަށް ހަނދާނުން ނުފިލާނެ ދުވަހަކަށެވެ.
"އަހަރެންނަކީ މިސްކިތުގައި ތިބި އެންމެން އެންމެ ފަހުން ގަބޫލުކުރާނެ ހަގީގަތް ކަހަލަ. މިސްކިތް ތެރޭގައި އަރަބި އަދި ޕާކިސްތާން އަންހެނުން ތިބި. ދެންހުރީ އަހަރެން. އަހަރެން ހުރީ އިސްތަށިގަނޑު ކުލަ ޖައްސައި، މޭކަޕް ކޮށް ލިޕްސްޓިކް ޖައްސައި ނެއިލް ޕޮލިޝް ކޮށްފަ،" ހެރަލް އަށް މިސްކިތެއްގައި ކުރެވުނު ފުރަތަމަ ތަޖްރިބާ ހިއްސާކުރިއެވެ.
ނަމަވެސް ހައިރާންކަމަކަށްވީ އެކަކުވެސް އެކަމަށް އެއްޗެކޭ ނުބުނުމެވެ. ނަފްރަތުގެ ނަޒަރަކުން ނުބެލުމެވެ. ފާހަގަވެގެންދިޔައީ ހިތްވަރު ދިނުމާއި ލޯތްބެވެ.
އިސްލާމް ވުމުގެ ކުރިން ހެރަލް ކްރިސްޓިއަން މިނިސްޓަރެއް ކައިރިއަށް ދިޔައެވެ. އަދި ކްރިސްޓިއަނުން އޫރު މަސް ކަނީ ކީއްވެގެންތޯ އާއި ކްރިސްޓިއަން ފައްޅި ތެރޭގައި އަންހެނުން ނިވާ ނުކުރަނީ ކީއްވެގެން ތޯއާއި އަދި ކްރިސްޓިއަނުން ލޯބީގެ ގޮތުން ގުޅެނީ ކީއްވެގެންތޯ އެހިއެވެ.
ކްރިސްޓިއަން ދީނުގައި ހެރަލް އަށް ފާހަގަވެފައި ހުރި މައްސަލަތައް މިނިސްޓަރާ ހިއްސާކުރި އެވެ. ނަމަވެސް އޭނާގެ ޖަވާބުތަކަކުން ހެރަލްގެ ހިތެއް ނުފުރުނެވެ. ހިތްހަމަޖެހުމެއް ނުލިބުނެވެ.
މިސްކިތަށް ނަމާދު ކުރަން ގޮސް، އޭނާ މާތް ﷲ ގެ އަޅަކަށްވި އެވެ. އިސްލާމްދީން ގަބޫލުކޮށް ޝަހާދަތުގެ ދެ ކަލިމަ ކިއެވެ. މާތް ﷲ ފިޔަވާ އިލާހަކުނުވާ ކަމަށާއި މުހައްމަދުގެ ފާނަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އޭނާ ހިތުން ރުހުމުން ގަބޫލުރި އެވެ. އަދި މުސްލިމަކަށް ވުމަކީ އޭނާގެ ހަޔާތުގައި އެޅުނު އެންމެ މުހިއްމު ފިޔަވަޅުކަން އޭނާ ގަބޫލުކުރި އެވެ.
އޭގެ ތިން އަހަރު ފަހުން މިއަދު ވެސް ސްކޫލެއްގެ ޓީޗަރުކަން ކުރަމުން އަންނަ ހެރަލް އަކީ މުސްލިމެކެވެ. އަދި އޭނާގެ އަންހެން ދަރިފުޅަކީ ވެސް ނިއުމަތާއި އާފިއަތު ލިބެން އޮތް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ހުރި ކުއްޖެކެވެ.
"އިސްލާމް ދީނުން ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރުކުރުވާ. ދިރިއުޅުމަކީ އަހަރެންގެ އަމާޒު ނަމަވެސް، މިއަދު އަހަރެންގެ އަމާޒަކީ ސުވަރުގެ ލިބޭނެ ގޮތަކަށް ދިރިއުޅުން،" ހެރަލް އޭނާ އިސްލާމްވީ ގޮތާ އަދި މުސްތަގްބަލާ ބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.