ދުނިޔެ ވަށައި ދަތުރުކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ. ނަމަވެސް އަހަރުތަކެއް ހޭދަކޮށް ކަނޑުމަގުން ދުނިޔެ ވަށައި ދަތުރުކުރަން ބޭނުންވާ ނަމަ ފަޅުވެރިއަކަށް ރަނގަޅު ބައިވެރިއެއް ނެގުމަކީ މުހިއްމު ކަމަކެވެ. އެގޮތުން ފްރާންސަށް އުފަން ދަތުރުވެރިއަކު އޭނާ ފަށާފައިވާ ދަތުރަށް ނަގާފައި ވަނީ ތަފާތު ފަޅުވެރިއެކެވެ.

ގީރެކް އާއި މޮނީކް: ގީރެކް ބުނާގޮތުން ދަތުރުގެ ބައިވެރިއަކަށް މީހެއްގެ ބަދަލުގައި ކުކުޅެއް މާ ރަނގަޅު ---

އުމުރުން 24 އަހަރުގެ ގީރެކް ސައުޑީ 2014 ވަނަ އަހަރުގެ މޭ މަހު ކެނަރީ އައިލެންޑްސް އިން ދުނިޔެ ވަށައި ދަތުރުކުރަން ފެށީ "މޮނީކް" ނަމަކަށް ކިޔާ ކުކުޅެއް ގޮވައިގެންނެވެ. ވޭތުވެ ދިޔަ ދެ އަހަރު ކަނޑުމަތީ ހޭދަކުރި ދުވަސްތަކުގައި ބޯޓު ތެރޭގެ ބުރަ މަސައްކަތް ކުރީ ސައުޑީ އެވެ.

މޮނީކްގެ މައިގަނޑު މަސައްކަތަކީ ޑެކް މަތީގައި ހުރެ ހިތްގައިމު މަންޒަރުތައް ބެލުމާއި ބިސް އެޅުމެވެ.

ގީރެކް އާއި މޮނީކް މޫދުގައި: ދުނިޔެ ވަށައި ޖެހުމަށް އެ ދެ ބައިވެރިން ފެށި ދަތުރުގައި މޮނީކްގެ މަސައްކަތަކީ ބިސް އެޅުން --

"އަހަންނަށް މޮނީކް ފެނިފައި އިނގިއްޖެ އެއީ އެންމެ ރަނގަޅު ބައިވެރިއާކަން. ކެނަރީ އައިލެންޑްސް އިން ފުރި އިރު މޮނީކްގެ އުމުރުވާނީ ގާތްގަނޑަކަށް ހަތަރެއް ނުވަތަ ފަސް މަސް. އަހަންނަކަށް ސްޕެއިން ބަހެއް ނޭނގެ އަދި މޮނީކް އަކަށް ފްރާންސް ބަހެއް ނޭނގެ. އެކަމަކު އަހަރެމެން ދެމީހުންގެ ގުޅުން ރަނގަޅު،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ގީރެކް ބުންޏެވެ.

ދަތުރަށް ފެށުމުގެ ކުރިން އެކުގައި ޕެޓެއް ގެނައުމަކީ ގީރެކް ބޭނުންވި ގޮތެވެ. ނަމަވެސް އެ ދަތުރުގައި ކުކުޅެއް ގެނައުމަކީ އޭނާ ދެކޭ ގޮތުގައި ނިންމި އެންމެ މުހިއްމު އެއް ނިންމުމެވެ.

ގީރެކް އަދި މޮނީކް ސާފް ކުރަނީ: އެ ދެ ބައިވެރިން ކަނޑުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަނީ ގާތް ގުޅުމެއް އުފެދިފައި ---

"އަހަރެން ފުރަތަމަ ވިސްނީ ބުޅަލެއް ގެންނަން. އެކަމަކު އޭތި ބެލެހެއްޓުމަކީ ބުރަ މަސައްކަތަކަށް ވާތީ ހިޔާލު ބަދަލުވީ. ކުކުޅަކީ އެންމެ ރަނގަޅު ހޮވުން. އެޔަށް އެހާ ބޮޑަށް ބަލާކަށް ނުޖެހޭނެ އަދި ކަނޑުމަތީގައި އަހަންނަށް ބިސް ލިބޭ. މީހުން ބުނި ކަނޑުމަތީގައި ވީމަ ކުކުޅު މާ ބޮޑަށް ހާސްވެ ބިހެއް ނާޅާނެއޭ. އެކަމަކު އެކަމުގައި މައްސަލައެއް ނެތް. އެކަމަށް މޮނީކް ވަރަށް އަވަހަށް ހޭނިއްޖެ،" ގީރެކް ބުންޏެވެ.

އޭނާ ބުނީ، ގްރީންލޭންޑުގެ ފިނި ހޫނު މިނުގައި ވެސް އަދި އިރު ނެތި އެތަނުގައި ހޭދަކުރި ތިން މަސް ދުވަހު ވެސް އެވްރެޖްކޮށް މޮނީކް ހަ ބިސް އަޅާފައިވެ އެވެ.

މޮނީކް --

ކަނޭރީ އައިލެންޑްސް އިން ގީރެކް އާއި މޮނީކް ފެށި ދަތުރުގައި ކެރީބިއަންގައި އޮންނަ ސެއިންޓް ބާތެލެމީ އަށް ގޮސްފައިވާ އިރު އަންނަ އޮގަސްޓް މަހު އެ ދެ ބައިވެރިން އާކްޓިކް ހުރަސްކުރާނެ އެވެ.

ގީރެކް ބުނީ ބޯޓެއްގައި މީހެއްގެއްގެ ބަދަލުގައި ކުކުޅެއް ގެންގުޅުމަކީ އެއްގޮތުން ރަނގަޅު ކަމަކެވެ. ސަބަބަކީ އެއްވެސް ޝަކުވާއެއް ނެތި އެއްވެސް މައްސަލައެއް ކުރިމަތި ނުވުމެވެ. ނަމަވެސް ގާތް ގުޅުމެއް އުފެދި، ވާހަކަ ހިއްސާކުރާ އެ ދެ ބައިވެރިންގެ ދެމެދު ރުޅި ހަދާ ކަމަށް ވެސް ގީރެކް ބުންޏެވެ.

މައުލޫމާތު: ބީބީސީ