15 Jun 2016, 10:46
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޑުންގާ ވަކިކޮށްފި އެވެ.
އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖާ ހަމައިން ބްރެޒިލް ވަނީ އަލްވަދާއު ކިޔަން ޖެހިފަ އެވެ. އެއީ ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައި އެހާ އަވަހަށް ބްރެޒިލަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ފުރަތަމަ ފަހަރެވެ.
ޕެރޫ އަތުން 1-0 ލަނޑުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ބްރެޒިލްގެ ކޯޗުކަމުން ޑުންގާ ވަކިކޮށްފައި ވަނީ އެ ޓީމަށް އޭނާ އިރުޝާދުދޭތާ ދެ އަހަރުވެފައި ވަނިކޮށެވެ. ޑުންގާގެ އިތުރުން ޓީމު ކޯޑިނޭޓަރު ގިލްމާ ރިނަލްޑީ އާއި ކޯޗިން ސްޓާފު ވެސް ވަނީ މަގާމުތަކުން ދުރުކޮށްފަ އެވެ. ޑުންގާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން 2006 އިން 2010 އަށް އެ ޓީމަށް އިރުޝާދުދީފަ އެވެ.
"ޓީމު ކޯޑިނޭޓަރު ގިލްމާ ރިނަލްޑޯ އާއި ކޯޗު ޑުންގާ އަދި އޭނާއާ އެކު މަސައްކަތްކުރި ކޯޗިން ޓީމު، މަގާމުތަކުން ވާނީ ވަކިކޮށްފައި. ބްރެޒިލަށް އާ ޓެކްނިކަލް ޓީމެއް ނެގުމުގެ މަސައްކަތް ފެޑެރޭޝަނުން ވަނީ ފަށާފައި. މަގާމުތަކުން ވަކިކުރި ފަރާތްތަކުން ކުރި މަސައްކަތަށް ފެޑެރޭޝަނުން ޝުކުރު އަދާކުރަން،" ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ބްރެޒިލް މި ވަގުތު އޮތީ ސައުތު އެމެރިކާ ސަރަހައްދު ގްރޫޕުގެ ހަ ވަނައިގަ އެވެ. ކޮލިފައިންގައި ސެޕްޓެމްބަރު އެއް ވަނަ ދުވަހު ބްރެޒިލް ނުކުންނަން ޖެހޭނީ އިކުއެޑޯއާ ދެކޮޅަށެވެ.