15 Jun 2016, 10:51
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި އައިސްލެންޑުން ޕޯޗުގަލް އަތުން މޮޅުވާން މަސައްކަތް ނުކުރި ކަމަށް ބުނެ، އެ ޓީމުގެ ކުޅުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފާޑު ކިޔައިފި އެވެ.
ރެއާލް މެޑްރިޑުގެ ތަރި އަދި ޕޯޗުގަލްގެ ކެޕްޓަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރޭގެ މެޗުގައި ލިބިގެންދިޔަ ނަމަވެސް، އޭނާ އަށް ވަނީ އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. ރޭގެ މެޗުގައި އޭނާ ލަނޑެއް ޖެހި ނަމަ، ވިދިވިދިގެން ހަތަރު ޔޫރޯގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް އޭނާ އަށް ލިބިގެން ދިޔައީހެވެ.
ރޭގެ މެޗުގައި ޕޯޗުގަލް އަށް ނާނި ލީޑު ހޯދައިދިން ނަމަވެސް، އަލަށް ޔޫރޯގައި ވާދަކުރަމުންދިޔަ އައިސްލެންޑުގެ ބާރކާ ބިއާނަސަންގެ ލަނޑުން އައިސްލެންޑަށް ވަނީ ޕޮއިންޓެއް ލިބިފައެވެ.
"އެ ޓީމުގެ ކުޅުމާ މެދު ކުޑަކޮށް ހިތްހަމަނުޖެހޭ. އަހަރެމެން މަސައްކަތްކުރީ މެޗުން މޮޅުވާން. އައިސްލެންޑުން އެއްވެސް ކަމެއް ކުރާކަށް މަސައްކަތެއް ނުކުރޭ. އެ ޓީމުން ލަނޑެއް ޖެހި، އަދި ލަނޑުޖަހާނެ ދެ ފުރުސަތުތަކެއް ތަނަވަސްކުރި. ގޯލު ކުރިމަތީގައި ކުޅުންތެރިން އަތުރާލައިގެން އައިސްލެންޑުން ކުޅެން ނޫޅުނީމަ، މެޗުން މޮޅުވާން މަސައްކަތްކުރި ޕޯޗުގަލް އަށް އުނދަގުލާ ކުރިމަތިވީ،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ، މެޗުން އެއްވަރުވިޔަސް އަދި އެއީ ފެށުމެއް ކަމަށާއި އެކަމާ ހާސްނުވާ ކަމަށެވެ. އަދި މުބާރާތުގެ އެންމެ ވަރުގަދަ ސްޕެއިނާއި ފްރާންސަށް ވެސް މޮޅުވުމަށް އުނދަގުލާ ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.
"ކުރިއަށް އޮތް މެޗުން މޮޅުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް. ރޭންކިން އަށް ބަލައިގެން ޓީމެއްގެ ފެންވަރެއް ނޭނގޭނެ. އައިސްލެންޑުން މެޗުގައި ކުރި ހަމައެކަނި ކަމަކީ ޑިފެންސް ކުރުން. އަދި ކުޅެން އުޅުނީ ހަމައެކަނި ކައުންޓާ އެޓޭކުން. އެމީހުންގެ ނަސީބު ރަނގަޅު ކަމުން މިގޮތަށް ކަންތައް ދިމާވީ. އަހަރެމެންނަށް ތިން ޕޮއިންޓް ހައްގު. އެކަމަކު ތިން ޕޮއިންޓް ނުލިބުމުން، އެއީ މައްސަލައެއް ނޫން. މެޗަށް ފަހު، އައިސްލެންޑުން އުފާފާޅުކުރި ގޮތުން ހީވީ ޔޫރޯގެ ޗެމްޕިއަންކަން ލިބުނީހެން،" ރޮނާލްޑޯ ބުންޏެވެ.