އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު ފަސޭހަކަމާއެކު ބީޖީ ސްޕޯޓްސް އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެ، ލީގުގެ ތިން ވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އުރީދޫ ދިވެހި ޕްރިމިއާ ލީގު މެޗުގައި ބީޖީގެ މައްޗަށް ޓީސީން ކުރި ހޯދީ 4-1 ލަނޑުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 4-1 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ނަތީޖާއާއެކު ޓީސީ ވަނީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ތިން ވަނައަށް ޖެހިލައިފަ އެވެ. މިރޭގެ މެޗުން ބަލިވި ބީޖީ ކުޅުނު ހަތަރު މެޗުން ލިބުނު ޕޮއިންޓަކާއެކު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތަރު މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މެޗުގެ 17 ވަނަ މިނެޓުގައި ބީޖީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ބިދޭސީ ފޯވަޑް ކިންގްސްލީ އެލެޗީ އުފެއްދި ހަމަލާ، ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި، ލީޑު ހޯދީ ޓީސީންނެވެ. އަހްމަދު ފައްރާހު ދިން ބޯޅައަކުން ޓީސީ އަށް ލީޑު ހޯދައިދިނީ ސެންޓޭ އެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު، ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ސެންޓޭ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔާމީން އިބްރާހިމް (ޔާމްބެ) ދިން ބޯޅައަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އުފެއްދި ހަމަލާ، ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 4-1 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ޓީސީ އަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ފައްރާހު ދިން ބޯޅައަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔާމްބެ އުފެއްދި ހަމަލާ، އުނދަގޫކަމެއް ނެތި ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އަލީ ހާފިޒް ދިން ރީތި ބޯޅައަކުން ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ. އަލީ ހާފިޒް ދިން ބޯޅަ ހޯދުމަށް ބީޖީގެ ކީޕަރު ހަނީފް ސާގިބް ކުރި ނުކުތް ނަމަވެސް، އޭނާގެ ފައިގައި ބޯޅަ ލައްވާލައިފައެއް ނުވެ އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޓީސީގެ ތިން ވަނަ ލަނޑު ފެނިގެންދިޔަ އެވެ. އަހްމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހަކުން ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާފިއު އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޮލުން ޖަހައި ނާފިއު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އިރު، އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ މާ ބޮޑު އުނދަގުލެއް ކުރިމަތިވެފައެއް ނުވެ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 4-1 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 71 ވަނަ މިނެޓުގައި ބީޖީން ލަނޑެއް ކާމިޔާބު ކުރި އެވެ. ކިންގްސްލީ އެލެޗީ ދިން ބޯޅައަކުން ބީޖީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޑެނިއެލް ފިލެމޮން އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ޓީސީގެ ގޯލު ކައިރިން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގައި ޓީސީން ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ އުފެއްދި ހަމަލާއަކުންނެވެ.

ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ 10:00ގައި ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.