15 Jun 2016, 01:25
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރީ އަތުން 2-0ގެ ނަތީޖާ އަކުން މޮޅުވެ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ބޮޑު މުބާރާތަކުން ފުރަތަމަ މޮޅު ހަންގޭރީން ހޯދައިފި އެވެ.
އެންމެ ފަހުން ބޮޑު މުބާރާތަކުން ހަންގޭރީ ފެނިގެން ދިޔައީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުންނެވެ. ނަމަވެސް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ހަންގޭރީ ވަނީ ކަޓައިގެން ގޮސްފަ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، އެ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރީ އެސްޓްރިއާ އިންނެވެ. ބަޔާން މިއުނިކްގެ މިޑްފިލްޑަރު ޑޭވިޑް އަލަބާ ހަންގޭރީގެ ޕެންލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ.
އޮސްޓްރިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ގޯލެއް ކާމިޔާބު ނުކުރުވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 62 ވަނަ މިނެޓްގައި ހަންގޭރީން ލީޑު ނެގުމެވެ. ހަންގޭރީން އުފެއްދި ހަމަލާއެއްގައި އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެޑަމް ސަލާއީ އެވެ.
ހަންގޭރީގެ ގޯލަށް ފަހު އެސްޓްރީއަށް ހަމަޖެހިނުލެވި އުޅެނިކޮށް އެ ޓީމަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑާއެކު އޮސްޓްރިއާގެ ޑްރަގޮވިޗަށް ރަތް ކާޑު ދެއްކުމާ އެކުއެވެ.
ރަތް ކާޑަށް ފަހު ހަންގޭރީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒޮލްޓަން ސްޓެއިބާ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކުރުމެވެ.