ޖިހާދާ ދިއުމާ ގުޅޭ ގޮތުން އިލްމީ ގޮތުންނާއި އަދި ފިގުހީ ގޮތުން އެއްޗެއް ނުދަންނަވަރުގެ ޒުވާނުން ހަނގުރާމައިގެ މައިދާންތަކުގައި މީހުންގެ މައްޗަށް ކުފުރުގެ ހުކުމް ޖަހައި ހަނގުރާމަ އިއުލާނު ކުރަމުންދާ ކަމަށް އައް ޝައިޚު އަހުމަދު ސަމީރު އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.

ޖަމިއްޔަތުއް ސަލަފާއި ސަންޓީވީން ގުޅިގެން ގެނެސްދޭ "އިލްމީ ހަޒާނާ" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޝެއިހު ސަމީރު ރޭ ވިދާޅުވީ އެފަދަ ޒުވާނުން މުޅި އިސްލާމީ އުއްމަތާ ގުޅުން ހުރި ބޮޑެތި ކަންކަމުގައި އަމިއްލަ އަށް ބަސް ކިޔަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ޒުވާނުންގެ ތެރެއިން "ބައެއް ޒުވާނުން" ޖިހާދާ ގުޅޭ ގޮތުން އިލްމުވެރިން ދައްކަމުންދާ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުންދާ ކަމަށެވެ.

މުޅި އުއްމަތުގެ މަސްލަހަތާއި ގުޅުން ހުރި ބޮޑެތި ބޮޑެތި ކަންތައްތަކުގައި އަމިއްލައަށް ބަސް ކިޔަމުން ދިއުމަކީ މިއަދު ވަރަށް ބޮޑު ނުރައްކާތެރި ކަމެއް އަސްލު،ޝައިޚު މުޙައްމަދު ސަމީރު

ޝައިހު ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި ކަންކަމާ ގުޅިގެން ަހަނގުރާމަތައް ކުރަމުންދާއިރު އެފަދަ ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތަކުން ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށެވެ.

"ޖަމާއަތްތަކާއި ގްރޫޕުތަކާއި ތަފާތު ރީތި ރީތި ޝިއާރުތަކުގެ ދަށުގައި ފަހަތުގައި ފޮރުވިފައި ވަނީ ކޮން ބަޔަކު ހިންގާ ކަންތައްތަކެއްތޯ މިއީ ހަގީގަތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ނުކުތާއެއް. ކަމަކަށް ތަނަކަށް ގޮސް އަޅުގަނޑުމެންގެ ވިސްނުމަށް އަންނަ ގޮތަށް އެކަން ކުރިއަސް އެ ނުވާނެ އެންމެ ރަނގަޅު ކަމަކަށް،" ޝެއިހު ސަމީރު ވިދާޅުވި އެވެ.

އިސްލާމީ އުއްމަތަކީ އެއް އުއްމަތެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވިއަސް މުސްލިމަކަށް ގެއްލުމެއް ކުރިމަތިވާ ނަމަ އެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރުން ވެދެވެން އޮތް އެހީތެރިކަމެއް ވުމަކީ އިސްލާމު ދީން ބާރު އަޅާ ކަމެއް ކަމަށެވެ.