ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ކުރެއްވި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ނާޒިމް ދައުވާ ކުރެއްވީ ރިޔާޒުގެ އަތުން 469،439.03 ރުފިޔާ ހޯދުމަށެވެ. އެއީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރިޔާޒާއި އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިން މ. ނިޔަދުރުގޭގެ ފަސް ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެ، ކުލި ދައްކާފައިނުވާ ކަމަށް ވިދާޅުވެ އުފުލި ދައުވާ އެކެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު މިއަދު އިއްވި ހުކުމްގައި ވަނީ އެ އެޕާޓްމަންޓު ކުއްޔަށްދީފައި ވަނީ މެރީޑިއަމް ސާވިސްއަށް ކަމަށާއި އެތަން މެރީޑިއަމަށް ދީފައި ވަނީ ނާޒިމާއެކުކޮށްފައިވާ ފައިސާގެ މުއާމަލާތްތަކަކާ ގުޅިގެން ކަމަށް ރިޔާޒު ވިދާޅުވާ ކަމަށެވެ.

އެތަނާ ގުޅިގެން އެއްވެސް ހުސޫމަތެއް އޮތް ނަމަ މުއާމަލާތް ކުރަން ޖެހޭނީ މެރީޑިއަމަށް ކަމަށް އެ ކުންފުނިން ބުނެފައިވާއިރު ނާޒިމްގެ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުން ވެސް އެކަން ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.

ސިވިލް ކޯޓުން މިއަދު އެގޮތަށް ހުކުމް އިއްވާފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒުގެ އަތުން 35،000 އެމެރިކާ ޑޮލަރު (539350 ރުފިޔާ) ހޯދަން ވެސް ނާޒިމް ވަނީ އެ ކޯޓުގައި ދައުވާ ކުރައްވާފަ އެވެ.