14 Jun 2016, 21:53
ޖަނަވަރީމަގުގައި ހުންނަ ސަންގު ޓީވީ ކައިރިން ގަޔަށް ވަޅި ހަރައި ޒަހަމުކޮށްލި މީހާގެ ހާލު ސީރިއަސް ކަމަށް އޭނާ އަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިރޭ "ސަން"އަށް ވިދާޅުވީ އެ މީހާ އަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އިތުރު ތަހުލީލުތައް ހަދަމުން އަންނަ ކަމަށެވެ.
"އޭނާއަށް [ޒަހަމުވި މީހާއަށް] ފަރުވާ ދެމުން ދަނީ ހައިޑިޕެންޑެންސީ ޔުނިޓުގައި. އޭނާގެ ހާލު ސީރިއަސްއޭ ދެންނެވޭނީ." އައްފާލު ވިދާޅުވި އެވެ.
މިއަދު ހިނގި މާރާމާރީގައި ޒަހަމުވީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އެ މާރާމާރީ ހިނގީ މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަށްހާއިރު އެވެ.
އެނގިފައިވާ ގޮތުގައި ވަޅިހަރާފައި ވަނީ އެ މީހާގެ ބޮލަށާއި ބަނޑަށެވެ.
ފުލުހުންގެ ތަހުގީގު ޓީމަކާއި ސީން އޮފް ކްރައިމް އޮފިސަރުން ވަނީ އެ ހާދިސާ ހިނގި ސަރައްހަދަށް ގޮސް ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފަ އެވެ.
އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.