15 Jun 2016, 10:39
އެ ޒުވާނާ އުމުރުން 30 އަހަރެވެ. ނިސްބަތްވަނީ އއ. އަތޮޅުގެ ރަށަކަށެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މާރާމާރީ ހިންގުން ފަދަ ބޮޑެތި ކުށްތަކުގައި ހަރަކާތްތެރިވި ޒުވާނެކެވެ. ޖަލުގައި ވެސް އެތައް ދުވަހެއް ހޭދަކުރި އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދީނީ ކަންތައްތަކަށް ލޯބިކުރާ މީހެއް ގޮތަށް ބަދަލުވެފަ އެވެ. އެގޮތަށް ތިން އަހަރު އުޅުމަށް ފަހު ދެން ކުއްލިއަކަށް ހަބަރު ލިބުނީ އޭނާ "ޖިހާދަށް" ކަމަށް ބުނެ ސީރިއާއަށް ދިޔަ ހަބަރެވެ. މިހާރު އޭނާގެ އާއިލާއަށް އަންގާފައި ވަނީ ހަނގުރާމައިގަ މަރުވެފައިވާ ކަމަށެވެ. މިހާރު ވެސް އޭނާގެ ދެ ދަރިންނާއި އަންހެނުން ރާއްޖޭގައި އެބައުޅެ އެވެ.
ބޭރުގެ ގައުމުތަކުން ދިވެހި ރާއްޖޭގައި ޓެރަރިޒަމަށް މީހުން ތަމްރީނު ކުރާ ޖަމާއަތްތައް އުޅޭ ކަމަށް ތުހުމަތުކުރެ އެވެ. ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތައް ރާއްޖޭގައި އޮޕަރޭޓް ކުރާ ކަމަށް ވެސް ވާހަކަދެކެވެ އެވެ. މަޝްހޫރުކަން ހޯދަން ބައެއް ދިވެހިން ވެސް އެ ވާހަކަ ދައްކަ އެވެ. އެކަމުގެ ހަގީގަތަކީ ކޮބާބާ އެވެ؟ ކަމާ ބެހޭ ފަރާތްތަކާއި ދީނީ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ވާހަކަ ދެކެވި، މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި ރާއްޖެއާ ބެހޭ ދެކެވޭ ވާހަކަތަކުގެ ތެރެއިން ގިނަ ވާހަކައަކީ "ތޯތޯ" ވާހަކަތަކެކެވެ.
ޖިހާދަށް ނަމުގައި ހަނގުރާމައަށް ދިއުމަށް ބޭނުންވާ ވަކިވަކި ދިވެހިން ރާއްޖޭގައި އުޅެ އެވެ. މިދިޔަ އަހަރު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ގާތްގަނޑަކަށް 100 ދިވެހީން ބައިވެރިވަމުންދާ ކަމަށެވެ. އެގޭ ތެރޭގައި އާއިލާތައް ހުރި ގޮތަށް ހިމެނެ އެވެ. ބައެއް މީހުން ވަނީ ހަނގުރާމަ ކުރުމުގެ ތެރެއިން ނިޔާވެފަ އެވެ.
ސީރިއާއަށް ގިނައިން ދަނީ ކުށްވެރިން!
މިހާތަނަށް ރާއްޖެއިން ސީރިޔާއަށް ގޮސްފައިވާ ގިނަ މީހުންނަށް ބަލާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ކުށްތަކަށް އަރައިގަންނަން އުޅުނު ފަރާތްތަކެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ ދީނަށް ލޯބިކޮށް އުޅުން އިސްލުވެފައިވާތާ ކުޑަދުވަސްކޮޅެއްވެފައިވާ މީހުންނެވެ.
"ކުރިން މަސްތުވާތަކެތި ބޭނުންކޮށްފައިވާ، ނޫނިއްޔާ މާރާމާރީ ހިންގަމުން އުޅުނު ބޮޑެތި ކުށްވެރިން މި އަތުއަޅުވާލަނީ، ދެން އެމީހުންނަށް ނަސޭހަތްދީގެން މި އަނބުރާލަނީ، ދެން މި ބުނަނީ ކަލޭމެން ތިއީ ވަރަށް ނުބައިކޮށް އުޅެފައިތިބި މީހުންނޭ އެހެންވީމާ ކަލޭ މެންނަށް އިސްލާހްވާން އޮތް ހަމައެކަނި ފުރުސަތަކީ ޖިހާދުވުމޭ، އަދި އެކަން އެންމެ ރަނގަޅަށްވާނީ ސީރިޔާގައޭ،" ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒު ކުރައިމްގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވި އެވެ.
އެ މީހުން ސީރިޔާއަށް ދިއުމުގެ އެއް ބޭނުމަކީ ތައުބާވުމުގެ މާނައިގަ އެވެ. އަނެއް ކަމަކީ ކުރެވުނު ކުށަކަށް އަދަބު ލިބުމުގެ ކުރިން ރާއްޖެ އިން ފިލައިގެން ދިއުމެވެ. ސަރުކާރުން ހޯދާ ގިނަ ބޮޑެތި ބައެއް ކުށްވެރިން ސީރިއާއަށް ގޮސްފައިވާ ކަމަށްވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގަ މަރުވެފައިވާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

ކަމާބެހޭ މަސްދަރަކުން މައުލޫމާތު ދޭގޮތުގައި ރާއްޖެ އިން ސީރިއާއަށް މީހުން ގެންދިއުމަށް އައިއެސް ޖަމާއަތުން ޓާގެޓެއް އަދި ހަރަދެއް ވެސް ނުކުރެއެވެ. އޭގެ ބަދަލުގައި ދާމީހުންދަނީ ރާއްޖޭގައި އުޅޭ ބަޔަކު ވިސްނައިދީގެން އެމީހުން އަމިއްލައިން ބޭނުންވެގެންނެވެ. އެ މީހުން އާންމުކޮށް އެ ގައުމަށް ދަނީ މިހާރު އެ ކޮޅަށްގޮސްތިބޭ ދިވެހިންގެ އެހީތެރިކަން ހޯދައި ތުރުކީ އެޖެންޓެއް މެދުވެރިކޮށެވެ. އެ އެޖެންޓުންނަކީ ފައިސާއަށް މީހުން ސީރިއާއަށް އެތެރެކޮށްދޭ މީހުންނެވެ. ޓިކެޓާއި އެހެނިހެން ހަރަދުތައް ވެސް ކުރަނީ އަމިއްލައަށެވެ. ޖަމާއަތަކުން ހަރަދުކުރާ ކަން މިހާތަނަށް އެނގިފައިނެތް ކަމަށް ފުލުހުންބުނެ އެވެ. އެ ގައުމަށް ދިއުމަށް ކޮންމެ މީހަކު 50000 އެއްހާ ރުފިޔާ ހަރަދުކުރެ އެވެ.
"ތިބޭފުޅުން ވެސް އަޑުއަހާފައި އޮންނާނީ ގިނަ މީހުން ދަނީ އަމިއްލަ މުދާތައް ވިއްކާލާފައި، އެއީ އެކޮޅަށްދާން ފައިސާ ހޯދަން ކުރާ ކަމެއް، އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުން އެ މީހުން ދަނީ ހަމަ އަމިއްލަ ހަރަދުގައި." ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ސީރިއާއަށް މީހުން ފޮނުވަން ވަކިވަކި މަދު ބަޔަކު އުޅޭ!
ދިވެހިންގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތައް ނެތް ކަމަކު އެފަދަ ކަންކަމަށް ލޯބިކުރާ މަދުބަޔަކުއުޅެ އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެއީ ޖަމާއަތްތަކެއް ނޫނެވެ. ވަކިވަކި ފަރުދުންނެވެ. އެ މީހުން ކުރާކަމަކީ ސީރިޔާއަށް ދިއުމަށާއި ޖިހާދުވުމަށް މީހުންނަށް ނަސޭހަތްދެނީ އެވެ. އެ މީހުން އެކަން ކުރަނީ ލިބޭ މާލީ ފައިދާއަކަށްނޫނެވެ. އެމީހުން އެކަން ކުރަނީ އިސްލާމްދީނަށް ކޮށްދެވޭ ކަމެއްކަމަށް ދެކިގެންނެވެ. އެގޮތުން އެފަދަ މީހުން ޖެހިލުން ކުޑަ މީހުން ހޯދައި އެ މީހުންނަށް ހަރުކަށި އުސޫލްތައް ބުނެދީ އެމީހުން ހައްލާލަ އެވެ.
"ޖަމާއަތްތަކެއް ނޫޅޭ އެކަމަކު ރާއްޖޭގައި ހަރުކަށި ވިސްނުމަށް ތާއީދު ކުރާ ވަކިވަކި ފަރާތްތައް އުޅޭ، އެއީ އެޖެންޓުންނެއް ނޫން، ގިނައީ ހަމަ ހަރުކަށި ފިކުރަށް ތާއީދުކޮށް ދީނީ ކަމެއްގެ ގޮތުގައި ފިކުރުތައް ފަތުރާ މީހުން، އައިއެސްގެ އެޖެންޓުންނެއް ރާއްޖެއަކު ނެތް، އެމީހުން އެހެން މީހުންނަށް ވިސްނައި ދެނީ ޖިހާދު ވާޖިބު ވެއްޖެ ކަމާއި ރާއްޖެއަކީ ނުބައި ބިމެއްކަން، ވިޔާނުދާ ގޮތްގޮތަށް އުޅެފައިވާ ފަރާތްތަކަށް ތައުބާވުމަށް އެއަށް ވުރެ ރަނގަޅުގޮތެއް ނެތް ކަމަށް، ހަމައެއާ އެކު ބައެއް ކުށްވެރިން ފުރުވާލުމަށް ވެސް އެމަގު ބޭނުންކުރޭ." ކަމާބެހޭ މަސްދަރަކުން ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ.

ދީނީ ޖަމިއްޔާތަކާ މެދު ކުރެވެނީ ކުށްހީއެއް
ރާއްޖޭގައި ދީނީ ރޫހް އާލާ ކުރަން އުފައްދާފައިވާ ޖަމާތްތަކާ މެދު ކުރާ ތުހުމަތަކީ ދޮގެކެވެ. އެއީ ރާއްޖޭގައި ހަރުކަށި ޖަމާއަތްތައް އުޅޭކަން އެންގުމަށް ކުރާ ކަމެކެވެ. ސީރިއާއަށް މީހުން ފޮނުވައި އަދި އެކަމަށް މީހުން ތަމްރީނުކުރާ ކަމަށް ބުނެ ބޭރުގެ ފަރާތްތަކަށް ދައްކަމުންދާ މަންޒަރަކީ ދީނީ ލޯބި އާލާ ކުރުމަށް ކުރިއަށްގެންދާ "ޔޫތު ކޭމް" ތަކެވެ. ތަފާތު ގޮތްގޮތުން ބަލައި އެފަދަ ކޭމްޕުތަކުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކާ ވާހަކަ ދެއްކުމުން އެނގުނު ގޮތުގައި އެ ކޭޕްތަކަކީ އެފަދަ މަގުސަދެއް އޮންނަ ކަންކަމެއް ނޫނެވެ. އެއީ ދީނީ ލޯބި އިތުރުކުރުކުރުމަށް ބާއްވާ ކޭމްޕްތަކެކެވެ. އެފަދަ ކޭމްޕުތަކުގައި އެއްވެސް ތަމްރީނެއް ކުރިއަކަށް ނުގެންދެ އެވެ. ހަމައެކަނި އޮންނަކަމަކީ ދީނީ ނަސޭހަތް ދިނުމާއި ނަމާދު ކުރުމެވެ.
ޖަމިއްޔަތުއް ސަލަފާ މެދު ވެސް އެފަދަ ތުހުމަތުތައް ކުރާ އެ ޖަމިއްޔާގެ ރައީސް ޝެއިހް އަބުދުﷲ ބިން މުހައްމަދު އިބްރާހިމް، ވިދާޅުވީ އެ ޖަމިއްޔާއަކީ އެފަދަ ކަންކަމަށް ހިތްވަރުދީ އެފަދަ މަސައްކަތް ކުރާތަންތަން ނޫން ކަމަށާއި އެބޭފުޅުންގެ އަމާޒަކީ ދިވެހި ރާއްޖޭގައި ދީނީ އުސޫލްތައް ހަރުދަނާކޮށް މީހުންގެ އީމާންތެރިކަން އިތުރު ކުރުން ކަމަށެވެ.
ބޭރުގެ ގައުމުތަކާ އެހެނިހެން ފަރާތްތަކުން ވެސް އެ ޖަމިއްޔާ އާއި އެ ޖަމިއްޔާ އާއި ގުޅުން ހުރި ފަރާތްތަކުގެ މައުލޫމާތުތައް ހޯދައި ބަލަމުންދާކަން އެނގޭ ކަމަށާއި އެކަންކަމުން ވެސް އެފަދަ ކަމެއް އެބޭފުޅުން ނުކުރާކަން ހާމަވާނެ ކަމަށެވެ.

ޖިހާދަށް ފޮނުވަނީ ސިކުނޑިތަކާ ކުޅެލައިގެން
ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މީހުން ސީރިއާއަށް ގެންދިއުމަށް ތަފާތު އުކުޅުތައް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވީޑީއޯތައް މެދުވެރިކޮށް މީހުން ޝައުގުވެރިކުރެ އެވެ. އަދި އެކިގޮތްގޮތަށް ފުރުސަތު އޮތްކަން އަންގަ އެވެ. އެ ގައުމަށް ގޮސް މީހަކާ އިނދެގެން އަރާމު ދިރިއުޅުމެއްގައި އުޅެވޭނެ ކަމަށް ބުނެ އެކަންކަން އަންގަ އެވެ. އަދި އާމްދަނީ ލިބޭނެ ކަން އަންގަ އެވެ.
ހަނގުރާމަކޮށް ހެދީމަ ކޮންމެ ވެސް ވަރެއްގެ އާމްދަނީއެއް ލިބެ އެވެ. އެއީ ތެދެކެވެ. ނަމަވެސް ރާއްޖޭގެ އާދައިގެ ވަޒީފާއަކުން ވެސް އެއަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން އެގޮތަށް ހަނގުރާކޮށްގެން ލިބެނީ މަހަކު 300 ނުވަތަ 400 އެއްހާ ޑޮލަރުގެ އާމްދަނީއެކެވެ. ހަނގުރާމައަށް ދާ މީހުންގެ އެދުމަކީ މުސާރައެއް ނޫނެެވެ.
މިނިސްޓްރީން ބުނަނީ އެ ހަނގުރާމަތަކުގައި ބައިވެރިވެގެން ނުވާނެ ކަމަށް
އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ދިވެހިންނަށް ބައިވެރިނުވެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ 2014 ވަނަ އަހަރު ނިންމައުފަ އެެވެ. އެ މިނިސްޓްރީން ބުނީ އެއްވެސް އިސްލާމީ ގައުމެއްގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ކުރެވެމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހިންގެ ބަޔަކު ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ދެމެދު ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ނުދިއުމަށް ދީނަށް ލޯބިކުރާ ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނާއި ރައްޔިތުންގެ ކިބައިން އެދެމެވެ. މިފަދަ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގެ ކަންކަން ހައްލުކުރުން އައުލާކަން ބޮޑީ އެގައުމެއްގެ ރައްޔިތުން އަމިއްލައަށެވެ،" އިސްލާމިކް މިނިސްޓްރީން ނެރުނު ފަތުވާގައި ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަނގުރާމަ ހިނގަމުންދަނީ އިސްލާމީ ޖަމާއަތްތަކުގެ މެދުގައި ކަމަށާއި އެ ހިނގަމުންދާ ހަނގުރާމަތަކުގައި މުސްލިމް އެހެން ގައުމަކުން ބައިވެރިވާންޖެހޭނެ ކަމަށް ދީނީ އިލްމުވެރިން އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގެ ދީނީ އިލްމުވެރިން ވެސް އިރުޝާދު ދެއްވަނީ އެ ގައުމުތަކަށް ބޭރު ގައުމުތަކުން މީހުން ނުދިއުމަށް ކަމަށާއި އެ ގައުމުތަކުގެ އިލްމުވެރިން އެދިވަޑައިގަންނަވަނީ "އެ މީހުންނަށް ޓަކައި ހެޔޮ ދުޢާކޮށްދިނުމަށް" ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިސްލާމީ ޖިހާދަކީ ﷲގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނާއި ގައުމުގެ ދިފާއުގައި ކަނޑައެޅިގެންވާ އިސްލާމީ ވެރިއެއްގެ ފަހަތުގައި އިސްލާމްދީނާއި ގައުމުގެ ދުޝްމަނުންނާ ދެކޮޅަށް އިހްލާސްތެރިކަމާ އެކު ކުރާ ހަނގުރާމައެއް ކަމަށާއި ހަނގުރާމަ އިއުލާނު ކުރުމާއި މީހުން ފޮނުވުމަކީ އިސްލާމީ ދައުލަތުގެ ހާކިމުގެ މަސްއޫލިއްޔަތެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ރައުޔުގައި ވެއެވެ.
އިސްވެ ފާހަގަ ކުރި ވާހަކަތަކަށް ބަލާއިރު ރާއްޖޭގައި ޖިހާދަށް މީހުން ފޮނުވާ ޖަމާއަތްތައް ހަރަކާތްތެރިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށްބެލެވެއެވެ. ބޮޑަށް ގަބޫލް ކުރެވޭގޮތުގައި އެ ވާހަކަތައް އެ ފަތުރަނީ ރާއްޖެއަކީ ބިރުވެރިތަނެއްކަން މީހުންނަށް އެންގުމުގެ ބޭނުމުގަ އެވެ. ހަގީގަތަކީ ރާއްޖޭގެ ދީނީ ޖަމިއްޔާތަކަކީ އެ ބޭނުމުގައި އުފައްދާފައިވާ ތަންތަން ނޫން ކަމެވެ. ނަމަވެސް ހަނގުރާމައަށް ދިއުމަށް ބޭނުންވާ ވަކިވަކި މީހުން އުޅޭ ވާހައަކީ ތެދެކެވެ.