14 Jun 2016, 16:53
ފްރާންސްގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ "ގްރޫޕް ބީ"ގައި އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު ހަމަނުޖެހުންތަކެއް ހިންގާފައިވާތީ، ދެން އިތުރަށް އެއްވެސް ހަމަނުޖެހުމެއް ހިންގައިފި ނަމަ ޔޫރޯ 2016 މުބާރާތުން ބޭރުކުރާނެކަމުގެ އިންޒާރު ރަޝިއާއށް ދީފި އެވެ.
ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޔުއެފާއިން ވަނީ 150,000 ޔޫރޯއިން ރަޝިއާ ފުޓްބޯލް ޔޫނިއަން ޖޫރިމަނާކޮށް އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން އިތުރު ހަމަނުޖެހުމެއް ހިންގައިފި ނަމަ ރަޝިއާ މިފަހަރުގެ ޔޫރޯއިން ވަކިކުރާނެ ކަމުގެ އިންޒާރާއެކު "ސަންޕެންޑެޑް ޑިސްކޮލިފިކޭޝަން" އެއް ދީފައެވެ.
މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗުގައި އެރިކް ޑިއާ އިންގްލެންޑަށް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ ފަހު ވަގުތު ރަޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވަސިލީ ބެރެޒުޓްސްކީ އެވެ.
މެޗަށްފަހު ސްޓޭޑިއަމް ތެރޭގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. ދެ ޓީމުގެ ސަޕޯޓަރުން ވަކިކުރުމަށް ދަނޑުގައި ޖަހާފައިވާ ފެންސެއް ވެސް ވައްޓާލާފައިވެ އެވެ. އެ ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުން އެއްޗެހި އުކުމުގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެވެ.
މެޗަށްފަހު އާންމުވި ބައެއް ފޮޓޯތަކުން ސަޕޯޓަރުން ސަލާމަތްވުމަށްޓަކައި ފެންސުތައް މަތިން ފުންމާލުމަށް މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. އޭގެ ތެރޭގައި ގިނައިން ފެންސްތައް މަތިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔައީ އިނގިރޭސި ސަޕޯޓަރުންނެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވެސް މަސައްކަތްކޮށްފައިވެ އެވެ.
މެޗަށް ނުކުތުމުގެ ކުރިން ވެސް ދަނޑު ބޭރުގައި އިނގިރޭސިންނާއި ރަޝިއާގެ ސަޕޯޓަރުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ވެފައެވެ. އެ ހަމަނުޖެހުންތައް ހުއްޓުވުމަށް ފްރާންސްގެ ފުލުހުން ކަރުނަ ގޭސް ބޭނުން ކުރި އެވެ.