14 Jun 2016, 21:00
އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ އޯލެންޑޯ ސިޓީގެ ނައިޓް ކްލަބަކަށް މީހަކު ވަދެ، ބަޑި ޖަހައި އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އޯލެންޑޯ ސިޓީގައި ހުންނަ "ޕަލްސް" ނަމަކަށް ކިޔާ ނައިޓު ކްލަބަށް ވަދެ، ބަޑި ޖަހައި ގިނަ ބަޔަކު މަރާލާފައި ވަނީ، އަފްގާނު ދަރިކޮޅުގެ އެމެރިކާ ރައްޔިތެއް ކަމުގައިވާ އުމަރު މަތީނެވެ. އޭނާ ދިން ހަމަލާތަކުގައި 49 މީހަކު މަރުވެ، އިތުރު 53 މީހުން ޒަޚަމް ވެފައިވެ އެވެ.
މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވެސް ނަގާފައިވެ އެވެ. ހަމަލާ ދެމުން ދިޔަ ވަގުތު، އުމަރު މަތީން އެމެރިކާގެ 911 އަށް ގުޅައި، އައިއެސްއާ އޭނާއާ ގުޅުން އޮންނަ ކަމަށް އިއުތިރާފުވި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ، ފްލޮރިޑާގެ އޯލެންޑޯގައި ހިނގައިދިޔަ ބަޑި ޖެހުމުގެ ހާދިސާގެ ޚަބަރު އަޑު އެއްސެވީ ހިތާމައާ އެކުގައި ކަމަށެވެ.
"މިފަދަ ޓެރަރިސްޓް އަމަލުތައް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރަން. މިކަމަކީ ބަޔަކު ދަށް ކޮށްލައި، އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަމާއި ހިތާމަ އުފެއްދުމުގެ މަގްސަދުގައި ބަޔަކު ކުރާ ކަމެއް،" ރައީސް ޔާމީން އެމެރިކާގެ ރައީސަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވެ އެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު އެމެރިކާގެ ރައްޔިތުންނަށާއި ސަރުކާރަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.
އެމެރިކާގެ ފްލޮރިޑާގެ އޯލެންޑޯ ސިޓީގައި ހުންނަ ނައިޓްކްލަބު "ޕަލްސް"ގައި ބަޑި ޖެހުމުގެ ހާދިސާ ހިނގުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ދިވެހި ސަރުކާރުގެ ފަރާތުން އެ އަމަލު ކުށްވެރިކޮށްފަ އެވެ.

މި ހަމަލާ ދިން އުމަރު މަތީންއަކީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ނައިޓް ކްލަބަށް ވަދެ ދިން ހަމަލާއަށް ފަހު މަތީން ވަނީ މަރާލެވިފަ އެވެ. މަތީންގެ ގަޔަށް ބަޑި ޖަހައި މަރާލީ، ނައިޓް ކްލަބުގެ އެތެރޭގައި ރަހީނުކޮށްފައި ތިބި މީހުން ސަލާމަތް ކުރުމަށް އޯލެންޑޯގެ ފުލުހުން، އެތަނުގެ ފާރުގައި ވެހިކަލަކުން ޖައްސައި ހެދި ބާގަނޑަކުން މަތީން ނުކުންނަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އުމަރު މަތީންއަކީ ބަޑިއާއި އެފަދަ ހަތިޔާރު ގެންގުޅުމުގެ ލައިސެންސް އޮންނަ މީހެކެވެ. އަދި އޭނާ ދާދި ފަހުން ގަނެފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.
މަތީންގެ ކުރީގެ އަނބި މީހާ ސިތުރާ ޔޫސުފީ ބުނި ގޮތުގައި، މަތީންއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނެވެ. އަދި މަތީން އޭނާއަށް އަނިޔާ ކުރާ ކަމަށް ވެސް ސިތުރާ ބުންޏެވެ.
ޕަލްސް ނައިޓް ކްލަބަށް އާންމުކޮށް ދާ، އަދި އާދީއްތަ ދުވަހުގެ ހަމަލާތަކުން ސަލާމަތްވި ބައެއް މީހުން ބުނާ ގޮތުގައި، މަތީންއަކީ މީގެ ތިން ހަފްތާ ކުރީއްސުރެ އެ ނައިޓް ކްލަބަށް ޒިޔާރަތް ކުރަމުން ދިޔަ މީހެކެވެ. މަތީން އެތަނަށް ގޮސް ބަނގުރާ ބޮއެ ހަދާ ކަމަށް ވެސް އެމީހުން ބުނެ އެވެ.