17 May 2011, 14:18
ޕީއޭގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމް ފުރުއްވި އަޙުމަދު ޝަރީފް އާދަމް، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަން ކުރުމުން ސަރުކާރު ހިންގާ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ކޮންމެ މަޤާމެއް ކަމުގައި ވިޔަސް އެ މަޤާމަކަށް އައްޔަން ކުރަން ޖެހޭނީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، އިންސާފުވެރި ފަރާތެއް ކަމަށެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މާގާމަށް އަންޔަންކޮށްފައިވާ އަހުމަދު ޝަރީފް އާދަމް އެ މަގާމަށް އައްޔަންކުރީ ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވަނިކޮށް ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މިހާރު ހަމަޖައްސާފައިވާ ޕީއޭގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ޝަރީފް އާދަމް މަޤާމަށް އައްޔަންކުރީ ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވަނިކޮށް ކަމަށްވާތީ އިލެކްޝަންސް ކޮމިޝަންގެ މި އަމަލު މި ޕާޓީން ކުށްވެރިކުރަމެވެ." އެމްޑިޕީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ޝަރީފު މިއަދު ވިދާޅުވީ އިލެކްޝަންސްގެ ސެކަޓްރީ ޖެނަރަލްގެ މަގާމަށް ނުކުތުމުގެ މާ ކުރިން އޭނާ ޕީއޭގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން އިސްތިއުފާދެއްވައި އެ ޕާޓީން ވަކިވެވަޑައިގެންނެވި ކަމަށެވެ.
"މި ކަމަށް ނުކުތުމުގެ މާ ކުރިން ޕާޓީން ވެސް ވަކިވެ، އެ މަގާމުން ވެސް އިސްތިއުފާދީފައި ވާނީ." ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އަދާކުރައްވަމުން ގެންދަވާ ވަޒީފާތަކާ ގުޅިގެން، މަސައްކަތުގެ މާހައުލުގައި ސިޔާސީ ގޮތުން ވަކި ކަމަމެއް އިސްކޮށް، ވަކި ފިކުރެއް ނުގެންގުޅުއްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޝަރީފު ހޮވާފައި ވަނީ އެ މަގާމަށް ކުރިމަތިލި 25 ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވި ބޭފުޅުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބިގެން ކަމަށް އިލެކްޝަންސް އިން ބުންޏެވެ.