ޖަނަވަރީ މަގުގައި ހުންނަ ސަންގު ޓީވީ ކައިރިން މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ސަން އަށް ވިދާޅުވީ މާރާމާރީއެއްގައި ޒަޚަމްވި މީހަކު މިއަދު ހަވީރު 4:00 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެމީހާގެ ހާލަތާ މެދު އެއްޗެއް ދެންނެވޭނީ ޑޮކްޓަރުގެ ރިޕޯޓު ލިބުމުން ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.

"މާރާމާރީގައި ޒަޚަމްވި އުމުރުން 19 އަހަހަރުގެ ޒުވާނަކަށް މި ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން،" އައްފާލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި ވަޅިހަރާފައި ވަނީ އެ މީހާގެ ބޮލަށާއި ބަނޑަށެވެ.

ޒުވާނަކަށް ވަޅިން ހަމަލާދިން ސަރަހައްދު ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފުލުހުންގެ ތަހުގީގު ޓީމަކާއި ސީން އޮފް ކްރައިމް އޮފިސަރުން ވަނީ އެ ހާދިސާ ހިނގި ސަރައްހަދަށް ގޮސް ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފަ އެވެ.

އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ.