14 Jun 2016, 16:07
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު، އަނުޕަމް ޚޭރު އޭނާގެ 500 ވަނަ ފިލްމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގެ އިތުރުން އުމުރުން 61 އަހަރުގެ އަނުޕަމް ވަނީ ހޮލީވުޑުގެ ފިލްމުތަކުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ 500 ވަނަ ފިލްމުގެ ގޮތުގައި ވެސް ސޮއި ކޮށްފައި ވަނީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ދަ ބިގް ސިކް"ގަ އެވެ.
އެ ފިލްމުގައި އަނުޕަމް އާ އެކު ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ހޯލީ ހަންޓާ، ޒޯއީ ކަޒާން، ރޭ ރަމާނޯ، ކުމައިލް ނަންޖިއާނީ އަދި އަދީލް އަޚްތަރު ހިމެނެ އެވެ.

ފިލްމެއްގެ މަންޒަރެއްގައި އަނުޕަމް --
ޖަޑް އަޕަޓޯ ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ކުމައިލް ނަންޖިއާނީ އާއި އޭނާގެ އަނބިމީހާ އެމިލީ ގޯޑަންގެ ގުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގައި އަނުޕަމް އަދާކުރާނީ ނަންޖިއާނީގެ ބައްޕަގެ ރޯލެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 32 އަހަރު ވެފައިވާ އަނުޕަމް، އެ ފިލްމާ ގުޅިގެން ބުނެފައި ވަނީ ކެރިއަރުގެ 500 ވަނަ ފިލްމަކީ ހޮލީވުޑް ފިލްމަކަށް ވުމުން އުފާކުރާ ކަމަށެވެ.
"ހިންދީ ފިލްމަކަށް ވުމުން އުފާނުވާނެ ވާހަކަ އެއް ނޫން. އެކަމަކު މިހާރު ވަރަށް ގިނަ ހިންދީ ފިލްމު ކުޅެވިއްޖެ. މިހާރު މި ބަލަނީ އާ ކަމަކަށް. މި ފިލްމުން ފުރުސަތު ލިބުނީ ވެސް އެފަދަ ދަނޑިވަޅަކަށް ބަލަބަލާ ހުއްޓާ،" އަނުޕަމް ބުންޏެވެ.

ފިލްމު "ކިޔާ ކެހެނާ" ގެ މަންޒަރެއްގައި އަނުޕަމް --
އަނުޕަމްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދިލް"، "ސާރަންޝް"، "ޑަރު"، "ޑެޑީ"، "މޭނޭ ގާންދީ ކޯ ނެހީ މާރާ،"، "ކުޗް ކުޗް ހޯތާ ހޭ" އަދި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ" ފަދަ އެތައް އެތައް ފިލްމެއް ހިމެނެ އެވެ.
ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ މަންޒަރެއްގައި އަނުޕަމް --
އަނުޕަމް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ނުކުތް ފިލްމު "ޕްރޭމް ރަތަން ދަން ޕަޔޯ" އިންނެވެ.
އަނުޕަމް ކުޅެފައިވާ ހޮލީވުޑް ފިލްމުތަކަށް ބަލާއިރު، "ސިލްވަ ލައިނިންގްސް ޕްލޭބުކް" އަދި "ބެންޑް އިޓް ލައިކް ބެކަމް" ފާހަގަކޮށްލެވެ އެވެ.

ފިލްމު "ސިލްވަރ ލައިނިންގސް ޕްލޭބުކް" ގެ މަންޒަރެއްގައި އަނުޕަމް --
ކޮމެޑީ ރޯލުތަކަށް ކުޅަދާނަ، އަނުޕަމް ވަނީ އޭނާ ކުޅެފައިވާ އެކި ފިލްމުތަކުން ގިނަ އެވޯޑުތަކެއް ވެސް ހޯދައިފަ އެވެ.