މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކަނޑު އޮޅި ކަންމައްޗަށް މަސް ހިފަން ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ އެވެ.

ދެ މީހުން ފެނުނު އިރު ތިބީ ފެން މަތީގައި ކަމަށާއި، ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ ދެ މީހުންގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 11:40 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދެމީހުން ފެނިފައި ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު މެންދުރުފަހު 14:45 ހާއިރު އެނބޫދޫ ފިނޮޅުގެ އިރުއިތުރުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ މީހުން ފެނިފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 115 ގެ ޑައިވަރުންނަށެވެ. އެ ދެމީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.