14 Jun 2016, 20:30
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު ލިބުނު ހިއްސާގެ ފައިދާއިން ހިއްސާދާރަކަށް ބެހުމަށް ކަނޑައެޅި ފައިދާ، މާދަމާއިން ފެށިގެން އެ ކުންފުނިން ދޫކުރަން ފަށާނެ އެވެ.
އެސްޓީއޯގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 435 މިލިޔަން ރުފިޔާގެ ތެރެއިން، ހިއްސާއަކަށް 57 ރުފިޔާ ބެހުމަށެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެކަން ހުށަހެޅުމުން، ހިއްސާދާރުންގެ ބޮޑު މެޖޯރިޓީއަކުން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް، މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ.
ހިއްސާ ދޫކުރަން ހަމަޖެހިފައި ވަނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:30 އާ ދެމެދު، އެސްޓީއޯގެ މައި އިދާރާއިންނެވެ.
އެސްޓީއޯއިން ބުނީ، ހިއްސާގެ ފައިދާއާ ހަވާލުވާން އަންނަ އިރު ހިއްސާދާރުގެ އައިޑީކާޑު ކޮޕީ ނުވަތަ ހިއްސާގެ ސެޓްފިކެޓް ގެންނަން ޖެހޭނެ ކަމަށާއި، ބަދަލުގައި އެހެން ފަރާތަކުން އަންނަ ނަމަ އެ ފަރާތެއްގެ ނަމާއި އެޑްރެސް، އަދި އައިޑީކާޑު ކޮޕީއަކާ އެކު ހިއްސާދާރު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާ ކުރުމަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މާދަމާގެ ނިޔަލަށް އެ ފައިސާ ޖަމާކުރަމުން ގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.
ބޭންކް އެކައުންޓަށް ފައިދާ އަލަށް ޖަމާކުރަން ބޭނުންވާ ފަރާތްތަކުން އެކަމުގެ ފޯމު ފުރައި، އެސްޓީއޯއަށް ހުށަހެޅުމުން، މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ބޭންކަށް ޖަމާ ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.