ހައުސިންގ ޑިވެލޮޕްމެންޓް އެންޑް ފައިނެންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން އިސްލާމިކް ބޮންޑު ނުވަތަ ސުކޫކު އަނެއްކާވެސް ވިއްކުމަށް ތައްޔާރުވަމުން އެބަ ދެ އެވެ.

ސުކޫކަކީ ބޮންޑު ވިއްކާ އުސޫލަށް ވިއްކާ ފައިނޭންޝަލް ޕްރޮޑަކްޓެކެވެ. އެޗްޑީއެފްސީއަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފައިނޭންސް ދޫކުރާ ކުންފުންޏަކަށް ވާ އިރު، އެކުންފުނިން ސުކޫކު ވިއްކުމުގެ މަގުސަދަކީ އެޗްޑީއެފްސީ އަމްނާގެ ދަށުން ހިންގޭ ހައުސިންގ ފައިނޭންސް މަސައްކަތްތަކައް ފައިސާ ހޯދުމެވެ.

އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ"ގެ މެނޭޖަރ އަޒްމީން ރަޝީދު ވިދާޅުވި ގޮތުގައި، މިކަމުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުންނެވެ. އަދި މި ސުކޫކާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުކޫކު އަނެއްކާވެސް ތައާރަފު ކުރަން މި އުޅެނީ. ސުކޫކަކީ ޓްރެޜަރީ ބޮންޑު ސްޓައިލަށް އޮންނަ ޕްރޮޑަކްޓެއް. އޭގައި އިންވެސްޓް ކޮށްގެން ލިބޭ ޕްރޮފިޓު ޕަސަންޓޭޖުން ވަކި ޕަސަންޓެއް ސުކޫކު ގަތް ފަރާތަށް، އަނެއް ޕަސަންޓޭޖު އަޅުގަނޑުމެންނަށް ހިއްސާވާ ގޮތަށް އޮންނާނީ،" އަޒްމީން ވިދާޅުވި އެވެ.

އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ"ގެ މެނޭޖަރ އަޒްމީން ރަޝީދު ސަންއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/އަހްމަދު މުޖުތަބާ

އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު މިއަދު "ސަން" އަށް ވިދާޅުވީ، އެޗްޑީއެފްސީއިން 2013 ގައި މުޟާރަބާ ސުކޫކުގެ ނަމުގައި ސުކޫކު ވިއްކާފައިވާ ކަމަށާއި އެ ފަހަރު ވިއްކި ސުކޫކުތަކަށް އާންމުންގެ ފަރާތުން ހީ ނުކުރާ ވަރުގެ ތަރުހީބެއް ލިބުނު ކަމަށެވެ. ދެހާސް ތޭރަ ވަނަ އަހަރު ވިއްކި އެ ސުކޫކުތަކުން ފައިދާކުރި ކަމަށާއި އެއީ ކާމިޔާބު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ފަހުކޮޅު 500 ރުފިޔާއަށް ސުކޫކެއްގެ މަގުން ވިއްކި ސުކޫކުތައް، 471 މީހަކު ގަނެފައި ވެ އެވެ. އެޗްޑީއެފްސީއިން ބުނާ ގޮތުގައި 25 މިލިޔަނެއްހާ ރުފިޔާ އެ ސުކޫކުތައް އިޝޫކޮށްގެން އެކުންފުންޏަށް ލިބުނެވެ. އެ އަހަރު ވިއްކި ސުކޫކުތަކުގެ ފައިސާއިން ވިޔަފާރިކޮށްގެން އެޗްޑީއެފްސީ އަމްނާއަށް ލިބުނު ފައިދާގެ 65 ޕަސަންޓު، ސުކޫކު ގަތް ފަރާތްތަކަށް ކޮންމެ ހަ މަސް ދުވަހަކުން ބަހަމުން ދެ އެވެ. އެއީ، ސުކޫކު ގަތް ތާރީޚުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިހާރު ވެސް އަހަރަކު ދެ ފަހަރު މި ފައިސާ އެޗްޑީއެފްސީ އަމްނާއިން ބަހަ އެވެ.

ޝަފީގް ވިދާޅުވީ، 2013 ގައި ސުކޫކު 500 ރުފިޔާއަށް ވިއްކީ ގިނަ ބަޔަކަށް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެހެން ކަމުން ބޮޑަށް ބެލެވެނީ، އެޗްޑީއެފްސީއިން ވިއްކަން ތައްޔާރުވާ އާ ސުކޫކު ކުރިއަށް ވުރެ ފުރިހަމަވެފައި، އިންވެސްޓް ކުރާ ފަރާތަށް ލިބޭ ނަފާ ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެޗްޑީއެފްސީއިން ވިއްކާ ކޮންވެންޝަނަލް ބޮންޑުތައް 2013 ގައި ވިއްކާފައި ވަނީ 10،000 ރުފިޔާ އަށެވެ. ކުރީން އެޗްޑީއެފްސީން ހިއްސާގެ ބާޒާރަށް ނެރެފައިވާ ބޮންޑާއި ސުކޫކު ވެސް، ހިއްސާގެ ބާޒާރުގައި ގަނެ ވިއްކުމުގެ ފުރުސަތު އަދިވެސް އޮންނަ ކަމަށް އެޗްޑީއެފްސީން ބުނެ އެވެ.

"ސީރިއަސްކޮށް އިސްލާމިކް އިންވެސްޓްމެންޓެއްގައި އިންވެސްޓް ކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް، އިންވެސްޓް ކުރެވޭނެ އެކްސެސް ފަންޑެއް ހުރި ފަރާތްތަކަށް މި އާ ސުކޫކު ތައާރަފު ކުރަން މި އުޅެނީ، އެ ވިސްނުމުގައި އަޅުގަނޑުމެން މި އުޅެނީ،" ޝަފީގު ވިދާޅުވިއެވެ.

އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު -- ފޮޓޯ: އެޗްޑީއެފްސީ

ޝަފީގު ވިދާޅުވީ ސުކޫކެއްގެ އަގު ކުޑަވުމުގެ ސަބަބުން،ކުދިކުދި އިންވެސްޓް މަންޓް ކޮށްފައިވާ ގިނަފަރާތްތަކެއް ހިމެނިފައިވާ ކަމަށެވެ. މީގެ ސަބަބުން ފައިދާ ބަހަންޖެހޭ ހާލަތުގައި އިދާރީ ދަތިތަކަކާ ވެސް ދިމާވާ ކަމަށެވެ. އެގޮތުން، ސުކޫކު ގަތް ފަރާތްތަކުގެ ކޮންޓެކްޓް ނަންބަރު ބަދަލުވުމާއި، އެކައުންޓް ނަމްބަރުތަކުގައި އަރާ އޮޅުންތައް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީއެފްސީއިން ހައުސިންގ މަސައްކަތްތަކަށް ފައިނޭންސް ފޯރުކޮށްދެނީ ދެ ގޮތަކަށެވެ. އެއީ ކޮންވެންޝަނަލް ގޮތަށާއި އިސްލާމިކް ފައިނޭންސް އުސޫލުންނެވެ. އެ ކުންފުނީގެ ދެ އުސޫލުގެ އޮޕަރޭޝަންތައް ވެސް ހިންގަނީ މަސްހުނި ނުވެ، ވަކި ވަކިންނެވެ.

އެޗްޑީއެފްސީ އުފެދުނީއްސުރެ އަހަރުން އަހަރަށް އެކުންފުނީގެ ފައިދާ ދަނީ އިތުރުވަމުންނެވެ. ދެހާސް ބާރަ ވަނަ އަހަރުއެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 48.9 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. ޖެހިގެން އައި އަހަރުގެ ސާފު ފައިދާ 50.9 މިލިޔަނަށް އުފުލުނު އިރު، 2014 ވަނަ އަހަރު އެކުންފުނީގެ ސާފު ފައިދާ 54.9 މިލިޔަނަށް މައްޗަށް ޖެހިފައި ވެ އެވެ.

މިދިޔަ އަހަރު އެކުންފުނީގެ ސާފު ފައިދާ، އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 10 ޕަސަންޓު އިތުރުވި އެވެ. މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 60.5 މިލިޔަން ރުފިޔާ ލިބުނެވެ.

އެޗްޑީއެފްސީގެ މުވައްޒަފުން -- ފޮޓޯ: އެޗްޑީއެފްސީ

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ތިން ފަރާތަކަށް 2008 ވަނަ އަހަރު ވިއްކާލި އެވެ.

އެޗްޑީއެފްސީގެ މެޖޯރިޓީ ހިއްސާދާރަކީ 49 ޕަސަންޓާ އެކު ދިވެހި ސަރުކާރެވެ. އެކުންފުނީގެ ބާކީ 51 ޕަސަންޓު ހިއްސާ އޮންނަނީ ބޭރުގެ ތިން ފަރާތެއްގަ އެވެ. އެއީ އިންޓަނޭޝަނަލް ފައިނެންސް ކޯޕަރޭޝަނުގެ 18 ޕަސަންޓު ހިއްސާ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ 18 ޕަސަންޓު ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންވެސްޓްމެންޓްސް އިންޑިއާގެ 15 ޕަސަންޓް ހިއްސާ އެވެ.