ޗައިނާގެ ކުންމިންގްގައި ކުރިއަށްދާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ 2016ގެ އެންމެ ބޮޑު ތަރުހީބް ލިބެމުންދަނީ "ކަންޓްރީ އޮފް އޮނާ" ލިބިފައިވާ ރާއްޖޭގެ ސްޓޯލް ތަކަށެވެ.

އެފެއާއަށް ވަނުމަށް އާންމުންނަށް މިއަދު ހުޅުވާލާފައިވާ އިރު މިހާތަނަށް 100,000 އަށް ވުރެ ގިނަ މީހުން ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކޮށްފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މިވަގުތު ޗައިނާގައި ހުންނެވި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގެ ސުޓޯލްއަށް ބޮޑު ތަރިހީބެއް ލިބެމުން އަންނަ ކަމަށާއި އަމާޒަކީ އެފެއާގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން ޒިޔާރަތްކުރި ސުޓޯލަށް ރާއްޖެ ސުޓޯލް ހެދުން ކަމަށެވެ.

"އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ ރާއްޖެ ސުޓޯލަށް، އެއް ސަބަބަކީ ސްޓޯލްގައި ރާއްޖޭގެ ވެލި ހުރުން، ސަގާފީ ކަންކަން ކުރިއަށް ދިއުން." ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފެއާގެ ތެރެއިން ރާއްޖެ ވަރަށް ބޮޑަށް ޕުރޮމޯޓް ކުރެވިގެންދާނެ ކަމަށާއި އެގޮތުން ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާ މީހުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ދައްކާލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިފަހަރު ކުންމިންގް ފެއާގައި ރާއްޖޭގެ ފަރާތުން 100 އަށް ވުރެ ގިނަ މަންދޫބުންގެ ޑެލެގޭޝަނެއް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާއި ޕަފޯމަރުންނާޢި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި ކުރެހުންތެރިން ފަދަ ފަންނާނުން ހިމެނެ އެވެ.

މި އަހަރުގެ ފެއާގައި 8،000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާ އިރު، މައުރަޒު ކުރިޔަށްދާ ހަ ދުވަހުގެ ތެރޭގައި އެތަނަށް މިލިޔަނުން މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ. މި މައުރަޒަކީ ވިޔަފާރިވެރިންނާޢި އިންވެސްޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް، އެމީހުންގެ ޕްރޮޑަކްޓްތައް ދައްކާލުމަށާއި މާކެޓު ހޯދުމަށް އޮތް ފުރުސަތެކެވެ.