14 Jun 2016, 15:23
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގައިގައި އަތްލުމުގެ ދައުވާ އިން ދިފާއުވުމަށް ފިޔާޒުގެ ފަރާތުން ހަތް ނޫސްވެރިއެއްގެ ނަމާއި އަތްލިކަމަށް ބުނާ ދުވަހު ރާއްޖެ ޓީވީ ލައިވް ކަވަރޭޖް ހުށަހަޅައިފި އެވެ.
ފިޔާޒުގެ މައްޗަށް ގައިގައި އަތްލުމުގެ ދައުވާ އުފުލާފައި ވަނީ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައި ވާތީ ކަމަށް ދައުލަތުން ބުނެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ފިޔާޒު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ދައުވާގައި ސާފުނުވާ ބައެއް ކަންކަމާ ބެހޭ ގޮތުން ވަނީ ދައުލަތާ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން އަތްލިކަމަށް އެބުނާ ސަރަހައްދެއް ދައުވާގައި ސާފުނުވުމާއި ފުލުހުން ބަންދުކޮށްފައި ހުރީ ކޮން ސަރަހައްދަކުންކަން ސާފުނުވާކަމަށް ވަނީ ބުނެފަ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިންގެ ހެކިބަސް ނަގާއިރު އެކަންކަން ސާފުވާނެ ކަމަށެެވެ.
އެ މައްސަލަ އިން ދިފާއުވުމަށް ފިޔާޒުގެ ފަރާތުން ހުށަހެޅި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ ރާއްޖެ ޓީވީގެ ލީވާން އަލީ ނަސީރު އާއި މުހައްމަދު ވިޝާމް އާއި އަޒުމޫނު އަހުމަދާއި މުރުޝިދު އަބްދުލް ހަކީމްއާއި މިހާރު އޮންލައިންގެ ފޮޓޯ ގްރަފާ މުހައްމަދު ޝަރުހާން އާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ޝަރުވާންގެ އިތުރުން ޕީއެސްމްގެ ފޮޓޯ ގްރްފާ އަލީ ނަސީރުގެ ނަމެވެ. އޭގެ އިތުރުން އެ ދުވަހު ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ އެ ދުވަހު ފިޔާޒު ޖެހިކަމަށް ބުނާ ފުލުސް މީހާ އާއި އެމަންޒަރު ފެނުނު އިތުރު ދެ ފުލުހެކެވެ.
ފިޔާޒުގެ މައްޗަށް ގައިގައި އަތްލުމުގެ ދައުވާ އުފުލާފައި ވަނީ އާ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަމްބަރުގެ ދަށުންނެވެ. އަދި ދަރަޖަކޮށްފައި ވަނީ އާގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ ތިން ވަނަ ނަމްބަރުގެ ދަށުންނެވެ.
އާގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަމްބަރު
(ހ) - މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
1. އޭނާގެ ގައިގައި އަތްލުން ނުވަތަ އޭނާ އަށް އަނިޔާއެއް ދިނުން
ގައިގައި އަތްލުމުގެ ދައުވާ ފިޔާޒުގެ މައްޗަށް ސާބިތިވެއްޖެ ނަމަ އާގާނޫނުލްއުގޫބާތުގެ ދަށުން ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރިން ފެނުނު އައިއީޑީ ނުގޮވާ ގޮތަށް ހެދުމަށް ސްޓޭޑިއަމް ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަވަގުތު އެ ސަރަހައްދުން ފުލުހުން ވަނީ ފިޔާޒާއި ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިޔަކު ހައްޔަރުކޮށްފަ އެވެ.
އެރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ޖާނަލިސްޓް މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލައިފަ އެވެ.